އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ސަވައިވިންގް ވިންޓަރ 2020 ލޯންޗުކޮށްފިއެވެ.

އައިއޭސީއިން ސަވައިވިންގް ވިންޓަރ 2020 ކެމްޕޭން ލޯންޗުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މިއީ މިފަދަ ތިން ވަނަ ކެމްޕޭންކަމަށް އައިއޭސީން ބުނެއެވެ.

މީގެކުރިންވެސް ފިނި މޫސުމާއި ދިމާކޮށް އައިއޭސީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތި އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިއޭސީން މި އަހަރުގެ ސަވައިވިންގް ވިންޓަރ ކެމްޕޭންގެ ތެރެއިން އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސީރިއާ، ޔަމަން، ފަލަސްތީން ރައްޔިތުންގެ އިތުރުން ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށެވެ.

އައިއޭސީއިން ބުނީ މި ހަރަކާތް ކުރިޔަށް ގެންދަނީ 20 އޮކްޓޯބަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަވައިވިންގް ވިންޓަރ 2020 ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ހަމަޖެހިގެންދާއިރު ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެކަމަށް އައިއޭސީން ބުނެއެވެ.

ކޮވިޑް-19 ޕެކްޑެމިކްގެ އަަސަރު މި ޤައުމުތަކަށް ކޮށްފައިވުމުގެ ސަބަބުން، މި އަހަރުގެ ސަވަވިންގް ވިންޓަރ ޕެކޭޖުގެ ތެރޭގައި ޕެންޑެމިކް ރިލީފަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީ ފޯރުކޮށްދެވިގެންދާނެކަމަސާއި އާއްމު ރައްޔިތުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ތަކެތީގެ އިތުރުން ކޮވިޑް-19 ގެ ކަންކަމުގައި އެތަނެއްގެ ހޮސްޕިޓަލަށް ނުވަތަ މެޑިކަލް ސެންޓަރަށް ބޭނުންވާނެ ސަމާނުވެސް މީގެ ތެރެއިން ހަވާލުކުރެވިގެންދާނެކަމަށް އެ އައިއޭސީން ބުނެއެވެ.

އައިއޭސީން ބުނެފައިވަނީ ފިނި މޫސުމާއި ދިމާކޮށް ދަތި ހާލުގައި ދިރިއުޅެމުންދާ މި ފަރާތްތަކަށް އިތުރު ތަކްލީފުތަކެއް އުުފުލަންޖެހިފައިވާތީ، އައިއޭސީންއިން މި ކެމްޕޭން ރާވާފައިވަނީ އެހީގެ ގޮތުގައި ހޫނުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން، ސޯލާ ހީޓިން ފަދަ ދެމެހެއްޓެނިވި ގޮތްގޮތުން އެކަން ކުރުމަށް އިސްކަން ދެވޭނެކަން އައިއޭސީއިން ފާހަގަކުރެއެވެ.

ބޯހިޔާވަހިކަމުގެ އެހީގެ ގޮތުގައި، ފެންވަރު ރަނގަޅު ޓެންޓް، ބްލޭންކެޓް، ފިނިން ރައްކާތެރިވެވޭނެ ފަދަ އަންނައުނު ފޯރުކޮށްދެވޭނެ. އެހެންނަމަވެސް، އެ ތަނެއްގެ ހާލަތު ދިރާސާކޮށް، އެތަނަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުމަށް އައިއޭސީއިން ނިންމާފައިވޭ.މީގެއިތުރުން، ކާބޯތަކެތީގެ ގޮތުގައި، އެތަނެއްގައި އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ކަހަލަ ސާމާނު ފޯރުކޮށްދެވޭނެ. އެގޮތުން، ހަނޑޫ، ހަކުރު، ފުށް، ޕާސްތާ، ކައްކާ ތެޔޮ ފަދަތަކެތި ހިމެނޭ.
އައިއޭސީ

މި ކެމްޕޭންގެ ތެރެއިން ކޮންމެ 5 މީހުންގެ އާޢިލާއަކަށް 1000 ރުފިޔާގެ ޕެކޭޖެއް ހަމަޖައްސާފައިވީނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ސަވައިވިންގް ވިންޓަރ 2020 އަށް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކަށް ދެވުނު މިންވަރެއް ހަދިޔާކޮށްގެން މި ކެމްޕޭނުގެ ހިއްސާދާރަކަށްވުމުގެ ފުރުސަތު އައިއޭސީއިން ވަނީ ހުޅުވާލާފައެވެ. އައިއޭސީއިން ބުނީ މި ކެމްޕޭނުގެ ތެރެއިން ލިބޭ އެހީ ބޭނުން ކުރެވިގެންދާނީ އެ ޤައުމަކަށް ފީނިމޫސުމުގައި އެންމެ މުހިންމުވެފައިވާ ކަންކަމަށެވެ.

މި 4 ޤައުމަށް އެހީތެރިކަންފޯރުކޮށްދިނުމަށް، ބީއެމްއެލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައިވެއެވެ.

ފަލަސްތީން: 7770000026261

ރޮހިންޔާ: 7770000026265

ޔަމަން: 7770000026264

ސީރިއާ: 7770000026263

މި ކޭމްޕޭނާއިބެހޭ އިތުރު މަޢުލޫމާތު އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އިން ލިބޭނެއެވެ. އަދި އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ސަވައިވިންގް ވިންޓަރ 2020 އާ ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އައިއޭސީންބުނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ދަނީ މިފަދަ ދަނޑިވަޅަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ހުޅުވާލަދެމުންނެވެ.