ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް-19ގައި މަރުވެއްޖެ އެވެ.

މިއީ ރާއްޖެއިން މިބަލި ޖެހިގެން މަރުވި 38 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ މަރުވެފައިވަނީ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރުކަމަށާއި އޭނާ މަރުވެފައިވަނީ 9:45 ގައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އެ މީހާއަކީ ކަނޑިންމަ ރިސޯޓުން، ބަލިވެގެން އިއްޔެ ހަވީރު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު މީހެއްކަމަށެވެ.

ކޮވިޑްޖެހޭ މީހުންގެ ނިސްބަތް ރާއްޖޭގައި މަދުވަމުންދާއިރު، ކޮވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 11،6643 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 10،779އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 820 މީހުންނެވެ. މީގެތެރެއިން 54 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.