އިންޑިއާއިން ސައުދީ އަރަބިއްޔާ ދެކެ ރުޅިއަތުވެއްޖެއެވެ.
އިންޑިއާއިން ސައުދީ އަރަބިއްޔާ ދެކެ ރުޅިއައީ، ސައުދީ އަރަބިއްޔާއިން ނެރުނު 20 ސައުދީ ރިޔާލްގެ އައު ނޫޓުގެ އެއްފުށުގައި ހިމަނާފައިވާ ދުނިޔޭގެ ޗާޓުގައި ކަޝްމީރަކީ ވަކި ދައުލަތެއްގެ ގޮތުގައި ހިމަނާފައިވާ މައްސަލައިގައެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން މިހާރުވަނީ، މިކަމާ ގުޅިގެން "ސީރިއަސް ކަންބޮޑުވުންތަކެއް" އެބަހުރި ކަމަށްބުނެ ސައުދީ ސަރުކާރަށް ރަސްމީގޮތުން ޝަކުވާވެސް ހުށަހަޅާފައެވެ.
ސައުދީ އަރަބިއްޔާއިން، ސައުދީ އަރަބިއްޔާގެ ފައިސާ ކަމުގައިވާ 20 ރިޔާލްގެ އައު ނޫޓެއް މި ނެރުނީ، ސިނާއީގޮތުން ކުރިއަރާފައިވާ ނުފޫޒުގަދަ ޖީ20 ގްރޫޕްގެ މިހާރު ހިނގަމުންދާ ދައުރުގެ ރިޔާސަތު ސައުދީ އަރަބިއްޔާއިން ހަވާލުވެފައި ވުމުން، އެކަން ރަމްޒުކޮށް ދިނުމުގެގޮތުންނެވެ.
އިންޑިއާއަކީވެސް ޖީ20 ގައި ހިމެނޭ ގައުމެކެވެ.
އިންޑިއާ، ޕާކިސްތާން އަދި ޗައިނާގެ ބާރުގެ ދަށުގައި ކަޝްމީރުގެ ބިންތައް ބެހިފައި ވާއިރު، ސައުދީ އަރަބިއްޔާއިން ޝާއިއުކޮށް ނެރުނު އައު ނޫޓުގެ ފަހަތަށް ދުނިޔޭގެ ޗާޓު ލާފައިވާއިރު، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރުފަޅިވެސް ލައިގެން ކަޝްމީރު ހިމަނާފައިވަނީ ވަކި ގައުމެއްގެ ގޮތުގައެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، މިކަން އިސްލާހްކުރުމަށް ފިޔަވަޅު އެޅުމަށް ސައުދީ އަރަބިއްޔާގައި މިހާރު އެދިފައިވާނޭ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ކަޝްމީރުގެ ޗާޓުގެ މައްސަލާގައި އިންޑިއާއިން ދުނިޔޭގެ މީޑިއާއާ ދެކޮޅަށްވެސް ވަނީ ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ. އަދި ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށްވެސް ފިޔަވަޅުތައް އަޅަމުން ގެންދެއެވެ.
އިންޑިއާގެ ޗާޓު ބަދަލުކޮށްގެން ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެގޮތުގައި މީގެ 3 އަހަރުކުރިންވަނީ ކަނޑައަޅާފައެވެ. އެފަދަ ކަމެއް ކުރާ ފަރާތެއް 3 އަހަރަށް ޖަލަށްލުމަށްވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.
ކަޝްމީރު ނުހިމަނައި އިންޑިއާގެ ޗާޓު ދެއްކި މައްސަލާގައި އިންޑިއާއިން ބައިނަލްއަގްވާމީ ޚަބަރު ވިއުގަ އަލްޖަޒީރާގެ އިންޑިއާ އޮފީސް 2015 ވަނަ އަހަރު ބަންދުކޮށް އިންޑިއާއަށްވެސް އަލްޖަޒީރާ ނުފެންނަގޮތް ހަދާފައި ވެއެވެ. އެ ފިޔަވަޅު އެޅީ ހަފްތާއަކަށެވެ.
އިންޑިއާއިން މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރެއެވެ.