ދ. ކަނޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ކޮވިޑް-19 ބަލީގައި ހުކުރުދުވަހުގެރޭގެ ވަގުތެއްގައި އިތުރު މީހަކު ނިޔާވެފައިވާއިރު، އުމުރުން 60 އަހަރުގެ އެ މީހާއަކީ ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. އެޗްޕީއޭއިން ބުނީ މި ކޭސްއާއި ގުޅިގެން ކަނޑިންމަ ރިސޯޓުން 20 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، މި ސާމްޕަލްތަކުގެ ތެރެއިން 17 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަަމަށެވެ.
އެ ރިސޯޓުގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކު މީހުން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތާއި، އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތަށް، ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އިއްޔެ ހަވީރުން ފެށިގެން ކަނޑިންމަ ރިސޯޓަށް އަރާ ފޭބުންވެސް މަނާކޮށްފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރުވެރިންނަށް ފުރައިގެންދެވޭނީ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ނުވާނަމަ، ޕީސިއާރު ޓެސްޓު ހެދުމަށްފަހު ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ.
ހުކުރުދުވަހުގެ ރޭ މި ބަލީގައި ނިޔާވި މީހަކީ ރާއްޖެއިން ކޮވިޑްޖެހިގެން ނިޔާވި 38 ވަނަ މީހާއެވެ.