ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން މި ބަލީގައި އެތައް ބަޔަކު ޕޮޒިޓިވްވެ، 38 މީހުން މިހާތަނަށް މަރުވެފައިވާއިރު މިފަހަކަށް އައިސް ޕޮޒިޓިވްވާ ނިސްބަތަށް ބަލާއިރު އިއްޔެއަކީ އެންމެ މަދުން މި ބައްޔަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. 13 ދިވެހިންނާއި ބޭރު ގައުމުތަކަށް ނިސްބަތްވާ 3 މީހެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 3 މީހުން ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ.

މި އަދަދުތަކުން ހިތަށް ފިނިކަން ގެނުވިޔަސް، މިއީ އަދި ހިތްހަމަޖެހިލައިގެން އުޅެވޭނެކަމަށް ނިންމަންވީ ވަގުތެއް ނޫނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ވަނީ މިކަމަށް ޚާއްސަ މެސެޖެއް އާންމުންނަށް ދީފައެވެ. ކޮންމެ ދުވަހަކު ފެންނަމުންދާ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ދަށަށް ދިޔަނަމަވެސް މިއީ އިތުރަށް ފަރުވާތެރިވާންވީ ވަގުތުކަން އެޗްޕީއޭއިންވަނީ ފާހަގަކޮށްފައެވެ. ބަލި ފެތުރޭ މިންވަރު މިގޮތުގައި ދެމެހެއްޓޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަމަށް އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި އާންމުންގެ ފަރާތުން ދެމުންދާ އެއްބާރުލުން އެޗްޕީއޭއިން އަބަދުވެސް ފާހަގަކުރެއެވެ.

އެހެންކަމުން ގައިދުރުކަން އިސްކޮށް، ކޮންޓެކްޓް ބަބުލް ކުޑަކޮށް، ބޭރުތެރޭގައި އުޅޭއިރު ރަނގަޅަށް މާސްކްއަޅައިގެން އުޅުމާއި ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުން މިއީ ވިސްނަންޖެހޭކަންތައްތަކެވެ.

މި ބައްޔަށް ވެކްސިނެއް ހޯދެންދެން ހިތްވަރާއިއެކު މަސައްކަތްނުކޮށްފިނަމަ ތިންވަނަ ރާޅަކާއި މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ކުރިމަތިލާންޖެހިދާނެކަން ދަންނަންޖެހެއެވެ.

މި ވައިރަހަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރުހުން ދޭ ވެކްސިނެއް ލިބެންދެން އޮތީ ފަރުވާތެރިވެގެން، ސިއްހީ ރައްކާތެރިކަމާއި އެންމެންގެ ސަލާމަތަށް ވިސްނައިގެން އުޅުމެވެ.

މިގޮތަށް އަމަލުނުކުރާ ދުނިޔޭގެ އެހެން ގައުމުތަކުގައި މިހާރުވެސް ފެންނަމުންދަނީ މިފަދަ ހިތާމަވެރިކަން ކުރިމަތިވެފައިވާތަނެވެ. އެހެންކަމުން ގައުމީ ރޫހުގައި އެއްބައިވަންތަކަން ދައްކަންޖެހޭ ވަގުތުތަކުގައި މީގެކުރިންވެސް ދިވެހިން ނަމޫނާ ދެއްކިފަދައިން މިކަމުގައިވެސް ނަމޫނާ ދައްކައިފިނަމަ ކޮވިޑް ބަލިން ރައްކާތެރިވުމަށް ސިއްހީފަރާތްތަކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތަށް ކުރިއެރުންލިބި ކޮވިޑް-19އިން ސަލާމަތްވެފައިވާ ގައުމަކަށް މި ރާއްޖެވެސް ވެގެންދާނެއެވެ.

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު މާ ވަރުގަދަ ސިއްހީ ނިޒާމެއް އޮތް ގައުމެއް ނޫނެވެ. ނަމަވެސް ކޮވިޑް ކޭސްތަކުގެ އަދަދު ތިރިކުރެވެމުން ދަނީ އެޗްޕީއޭއިންވެސް ފާހަގަކުރާގޮތަށް ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަށާއި އެއްބާރުލުމަކާއިއެކީގައެވެ. އެކަން އެގޮތަށް އަދި ހިފަހައްޓަންޖެހެނީ މި ބަލިން އަރައިގަނެވޭނެ އެއްވެސްގޮތެއް އަދި ނެތީމައެވެ. އިތުރު ރާޅެއް ބިންދާލަފާނެތީއެވެ. އެހެންކަމުން ފަރުވާކުޑަނުކޮށް، އަދަދުތަކަށްނުބަލާ އެންމެންވެސް އެމީހެއްގެ އަމިއްލަ ޒިންމާ އަދާކޮށް އެޗްޕީއޭގެ އިރުޝާދުތަކުގައި އަބަދުވެސް ހިފަހައްޓަން އެބަޖެހެއެވެ.