ހަރުކަށި ފިކުރުގެ ބައްޓަމަށް މުޖުތަމައު އެނބުރުމަށް ބަޔަކު ބިރުދައްކައިގެން ބާރުގެ ބޭނުންކޮށްގެން މަސައްކަތްތަކެއް ކުރާކަމުގެ ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވައިފިއެެވެ.
މާލޭގައި ޓެކްސީ ދުއްވާ އަންހެން ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވާއި ގުޅިގެން އެކަމަށް ބަހުސްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ އަންހެނުން ގޭގައި ބައިތިއްބައިގެން ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި، ކިރުމައިންގެ ގޮތުގައި އަދި ދަރިންބަލައި ގޭގައި ނޯކިރީކުރާ ބައެއްގެ ގޮތުގައި ބޭތިއްބުމަށް ކަމަށެވެ.
މަޖިލީހަށް ހުށަހެޅި ކުއްލި މިމައްސަލައިގެ ބަހުސްގައި މެމްބަރުންވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
މިމައްސަލައިގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އިވާ ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގައި ހަމައެކަނި ޓެކްސީކޮށްގެން އާމްދަނީ ހޯދާ އަންހެން މީހާއަށް 5 ފަހަރެއްގެ މަތީން ގެއްލުންދީފައި ވާއިރު މިމައްސަލަ އެޗްއާރުސީއެމުން ނުބަލާ އޮތުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
މިމައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، އައިމިނަތު ވަހީދާއަށް ދިން ހަމަލާއަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ނަމަވެސް ހިތާމައަކީ މިހަމަލާ ފަސްވަނަ ފަހަރަށް ދެވިގެން ހަފްތާއެއް ފާއިތުވެގެން ދާއިރުގައިވެސް އެއްވެސް ތަހުގީގީ އިދާރާއަކުން އައިމިނަތު ވަހީދާއަށް އިންސާފުގެ އަލިމަގެއް ފެނިފައިނުވާތީ ކަމަށް މީކާއިލް ވިދާޅުވިއެވެ.
މިމައްސަލާގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ މިމައްސަލާގައި ފުލުހުން ފަހަތައްނުޖެހި އެކަށިގެންވާ ގޮތެއްގައި މިކަމުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.