ނޮވެންބަރު 3ގައި ޝަހީދު ހުސައިން އާދަމްފަދަ އަބްޠާލުން ދެއްކެވި ހިތްވަރާއި ކެރުމުގެ ނަމޫނާއަށް މިންނެތް ތަޢުރީފް ހައްޤުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަތުގައި ދެއްވި ޚިތާބުގައެވެ.
3 ނޮވެމްބަރު 1988އަކީ ރާއްޖޭގެ ތާރީޚުގެ ކަޅު ސަފްހާއެއްކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ އެ ދުވަހު އާންމުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ސާބަސް ހައްޤުކަމަށެވެ.
ބޭރުގެ ބަޔަކު އައިސް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު ޒަޚަމްވެ 19 ދިވެހިން ޝަހީދުވެގެން ދިޔައިރު އޭރުގެ ހާދިސާ ކުރިމަތިވި އިރު ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީނުގެ ފެންވަރާއި މިންވަރު މިއަދާއި އަޅާބަލާއިރު ވަރަށް ތަފާތުކަން މިނިސްޓަރގެ ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަނާ ވަނީ އޭރުގެ ސަރުކާރުން 3 ނޮވެންބަރުގައި އިންޑިއާގެ އެހީތެރިކަމަށް އެދުމުން އެ ގައުމުން ދިން އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކައި އެގައުމަށް ޝުކުރުއަދާކުރައްވާފައެވެ.
އަދި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރ ވިދާޅުވީ މިއަދު ދިވެހި ގައުމީ ދިފާއީ ބާރުގެ ގާބިލްކަމާއި ވަސީލަތްތައް ވަނީ އެތައް ގުނައެއް ފުޅާވެފައިކަމަށެވެ.
ރައްޔިތުންގެ ހިތްތަކުގައި މިއަދު ސިފައިންނަށް އޮންނަ އިތުބާރާއި ލޯބި މަގުބޫލުކަންވެސް މިހާރު އިތުރުވެފައިވާކަމަށް މިނިސްޓަރގެ ހިތާބުގައި ވިދާޅުވިއެވެ.