ބޮޑުމިނުގައި ގާތްގަނޑަކަށް 47.33 ހެކްޓަރު ހުރި ށ. ނަރުދޫގެ ރައްޔިތުން އާއްމުކޮށް ދިރިއުޅުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ.

ދަނޑުވެރިކަމަށް 60 ދަނޑުބިން އެރަށުން ދޫކޮށްފައިވާއިރު ކޮވިޑް- 19 އާއި ގުޅިގެން ރަށުގެ ޒުވާނުން އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެންމެ ބޮޑު އާމްދަނީއެއް ހޯދަމުން އަންނަނީ ދަނޑުވެރިކަމުންނެވެ. އެހެންނަމަވެސް އެ ރަށުގެ ދަނޑުވެރިންނަށް މިދިޔަ މަހުގެ 31 ވަނަ ދުވަސްވެގެން ދިޔައީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހަކަށެވެ. އާދައިގެމަތިން ދަނޑުވެރިން ދަނޑުތަކަށް ފަތިހުގެ ވަގުތުގައި ދިޔައިރު ގިނަ ދަނޑުވެރިންގެ ބުރަ މަސައްކަތް އޮތީ ސުންނާފަތިކޮށް ކޮށާލާފައެވެ.

މިހާދިސާގައި ގެއްލުން ލިބުނު ދަނޑުވެރިއެއްކަމަށްވާ މޫސާ ހުސެއިންފުޅު ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އިންދި ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ކަނޑަން ގާތްވެފަހުރި ހުރިހާ ކަރާތަކަށް ހުރީ ވަޅިޖަހާ އެއްކޮށް ހަލާކުކޮށްފައި ކަމަށެވެ. ގާތްގަނޑަކަށް 5000 ރުފިޔާގެ ބޮޑު ގެއްލުމެއްކަމަށް މޫސާ ވިދާޅުވިއެވެ.

އެއީ ކަރާތަކަށް ލިބުނު ގެއްލުންތައް. ދެން ބައެއް ވެޔޮތައްވެސް ހުރީ ބުޑުން ކޮށާލާފަ. ބަށިތައްވެސް ކޮށާލާފަ. ގިތެޔޮ މިރުސް ހައްދާފަ ހުރި ކޮށްޓަށްވެސް ގެއްލުންދީފަ ހުރީ.
މޫސާ ހުސެއިންފުޅު

ދަނޑުބިންތަކަށް ގެއްލުންދޭނެކަމުގެ އެއްވެސް އިޝާރާތެއް އެއްވެސް މީހެއްގެ ފަރާތުން ދުވަހަކުވެސް ލިބިފައިނުވާކަން ފާހަގަކޮށް މޫސާ ވިދާޅުވީ މިހާދިސާ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ގުޅުމެއްވާކަމަށް ރަށުތެރޭގައި ވާހަކަތަކެއް ދެއްކޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަށުގެ ޒުވާނުންތަކެއްގެ ވަޒީފާ ގެއްލުމާއި ގުޅިގެން ރަށުގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ކައުންސިލުން ރައްޔިތުންނަށް ހުޅުވާލި ފުރުސަތެއް މި ފުރުސަތަކީ.
މޫސާ ހުސެއިންފުޅު

އަދި މި މަސައްކަތް ކުރަމުންދަނީ ވަރަށް އެކުވެރި މާހައުލެއްގައިކަމަށާއި މި މަސައްކަތުން ރަނގަޅު ނަފާއެއް ދަނޑުވެރިން ހޯދަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި މިފަދަ ގެއްލުމެއް ލިބުމުން ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައިވާކަމަށްވެސް މޫސާ ވިދާޅުވިއެވެ. މި މަސައްކަތް ކުރަނީ އަމިއްލަ ޖީބުން ވަރަށް ބޮޑު ޚަރަދެއްކޮށްގެން ކަމަށާއި މި އަމަަލަކީ ވަރަށް ފިނޑި ދަށު ދަރަޖައިގެ އަމަލެއްކަމަށް މޫސާ ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން ކައުންސިލް މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވީ ދަނޑުވެރިންގެ ހުރި ކަންބޮޑުވުން ފާޅުކޮށް އިއްޔެގެ ވަގުތެއްގައި ދަނޑުވެރިން ވަނީ ހިނގާލުމެއް ބާއްވާފައި ކަމަށެވެ. ދަނޑުވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ދަނޑުވެރިން ހިމާޔަތް ކުރުމަށާއި އަދި ދަނޑުބިންތަކަށް ގެއްލުން ނުދިނުމާއި ވައްކަން ނުކުރުމަށް އެދިފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.

ނަރުދޫ ދަނޑުބިންތަކަށް ދިން ގެއްލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުނީ އެރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި ފަސް ދަނޑަކަށް ބޮޑެތި ގެއްލުންތަކެއްދީފައި ހުރި ކަމަށެވެ.

ހާދިސާގެ ރިޕޯޓު ކައުންސިލަށް ލިބުމާއެކު ވަގުތުން ފުލުހުންނަށް ރިޕޯޓުކުރިން. ފުލުހުން މިހާރު ވަނީ ދަނޑުތަކަށް ލިބިފަ ހުރި ގެއްލުންތައް ބަލާފަ. އަދި ދަނޑުވެރިންނާވެސް ބައްދަލުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވަނީ ނަގާފަ. ދަނޑުވެރިންނަށް އަދިވެސް ނެތް ޔަގީންކަމެއް މިކަން ތަކުރާރުނުވާނެ ކަމުގެ.
ކައުންސިލް މެމްބަރު ނިޒާރު

ނަރުދޫގައި މިހާރު ގާތްގަނޑަކަށް 80 ގޭގެ މީހުން ދަނޑުވެރިކަން ކުރަމުންދާ ކަމަށާއި އޭގެ ތެރެއިން މިދުވަސްވަރު ވަރަށް ގިނަ ދަނޑުތަކުން ގޮވާން ކަނޑަމުންދާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.