ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެންޑީއެފަށް ހަދިޔާ ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މި މޮޑެލް ހަދިޔާކުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ޕްރައިވެޓް އަބްދުﷲ ޝާފިއު ކަމަށެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސް ގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވަނީ ނަސްރުގެ ދުވަހާ ގުޅުވައިގެން މިފަދަ މޮޑެލްއެއް ތައްޔާރުކޮށް ހަދިޔާކުރެއްވިކަމަށްޓަކައި ޕްރައިވެޓް ޢަބްދުﷲ ޝާފިއުއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މޮޑެލްއަކީ ތަފާތު ހުނަރުވެރި މަސައްކަތްތެރިކަމެއް ފެނިގެންދާ މޮޑެލްއެއްކަން ފާހަގަކުރައްވާ މޮޑެލް ތައްޔާރުކުރުމަށް ޕްރައިވެޓް އަބްދުﷲ ޝާފިއު ދައްކުވައިދީފައިވާ ހުނަރުވެރި މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ޕްރައިވެޓް އަބްދުﷲ ޝާފިއުގެ ހުނަރުވެރި މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ޕްރައިވެޓް އަބްދުﷲ ޝާފިއު ވަނީ މި މޮޑެލް ފަރުމާ ކުރުމާއި މޮޑެލް ހެދުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ މައުލޫމާތު މިނިސްޓަރ މާރިޔާ އާއި ހިއްސާ ކުރައްވާފައެވެ.

ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް އަބްދުﷲ ޝާފިއުއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބޭކަލެކެވެ.

އޮފީސް މަސައްކަތްތަކުގެ އިތުރުން ލިބޭ ހުސްވަގުތުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އަކީ އަތްތެރި މަސައްކަތް ކުރާ ފަރާތެކެވެ. ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އެމްއެންޑީއެފަށް ހަދިޔާކުރި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއަކީ 2 ފޫޓު ދިގު މިނަށް ހަދާފައިވާ މޮޑެލްއެކެވެ. ގާތްގަނޑަކަށް 1 މަސް ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މި މޮޑެލް ހަދާފައިވަނީ ސޮންބޯޑާއި ކަރުދާހުގެ އިތުރުން ދަގަނޑު ބޭނުންކޮށްގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.