ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ގައި ނަސްރުގެ ދުވަހުގެ ހަނދާންތައް އާކުރާއިރު، އެ ހަނދާންތައް އާކުރަންޖެހެނީ ދިވެހިންނަށް އެފަދަ ދުވަހެއް ކުރިމަތިނުވާނެކަމުގެ އުންމީކުރަމުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމުން އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ވަނީ ނަސްރުގެ ދުވަސް 1988 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާއިރު، ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަ ކުރާއިރު މިދުވަހުގެ ހަނދާން އާކުރަން ޖެހެނީ، ދިވެހީންނަށް ދެން އެފަދަ ދުވަހެއް މެދުވެރި ނުވުމުގެ މަތިވެރި އުންމީދު އާކުރަމުން ކަމަށެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ހިންގި ބަޣާވާތެއް ކަމަށާއި، އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާގެ ގޮތުގައި އެމްއާރުއެމްއިން ވަނީ ސިފަކޮށްފައެވެ.

އެމްއާރުއެމްއިން ބުނީ އެދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުން ކަމަށެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށް ކަމަށާއި އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިކަން އެމްއަރުއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމަތަކެއް ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށާއި، ދިވެހި ސަރުކާރުން އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާ އިންކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. އެދުވަހު އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށް އެމްއަރުއެމްއިން ވަނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.

އަދި ހަމައެހެންމެ، އެދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ބާޣީންނާއި ހަގުރާމަކުރަމުން ގެންދިޔަކަމަށާއި، ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވިނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމްގެ ބަޔާން ނިންމާލަމުން ވަނީ އެދުވަހު ޝަހީދުވި ހިތްވަރުގަދަ ދިވެހި އަބްޠާލުންނަށް ހެޔޮރަހްމަތްލެއްވުމަށާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދައްޓަކައި ރައްކާތެރި ކޮށްދެއްވުމަށް އެދި ދުއާކޮށްފައެވެ.