1988ވަނަ އަހަރުގެ ނޮވެމްބަރު 03 ދުވަހުގެ ފަތިހު ރާއްޖެއަށް ދިމާވި އެންމެ ބޮޑު ނުރައްކަލަކީ ގައުމަށް ޚިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޢީ ގްރޫޕެއްކަމަށްވާ ''ޕްލޯޓް''ގެ އެހީގައި ރާއްޖެއަށް ހަމަލާދީ ރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން ކުރި މަސައްކަތެވެ.

މި ނުރައްކާތެރި ހަމަލާގައި، ކުށެއްނެތް އެތައް އާންމުންނެއް ޒަޚަމްވިއިރު ގައުމާއި ރައްޔިތުންނަށްޓަކައި މިގައުމު ދިފާޢުކުރަން ތިބި ސިފައިންގެ ފުރާނަވެސް ދިޔައެވެ.

ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސިފައިންގެ އިސް ވެރިން އަތުލައިގަނެ ރަހީނުވެސް ކުރިއެވެ.

ނަމަވެސް މި ހަމަލާތަކުގެ ތެރޭގައި މި ގައުމު ދިފާއުކުރުމަށްޓަކައި ސިފައިން ވަނީ ފަސްޖެހުމެއްނެތި ހިތްވަރާއެކު ބާޣީންނާއެކު ޖިހާދުކޮށްފައެވެ. އަދި މި ޖިހާދުގައި 08 ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ގައުމަށްޓަކައި ފުރާނައިން ގުރުބާންވި، ސިފައިންގެ ގުރްބާނީ އާއި ހިތްވަރުން އަދި ދިވެހި ރައްޔިތުން އެދުވަހު ދައްކައިދިން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ދިވެހިންނަށް ނަސްރު ލިބުނެވެ. މިއަދު ފާހަގަކުރަމުން މިދަނީ އެ ނަސްރު ލިބުނު ދުވަހެވެ. އެ ދުވަހު އެތައް ފުރާނައެއް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައިރު، އެ އަބްޠާލުން ވަނީ މި ދިވެހި ގައުމުގައިވާ މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށްދީފައެވެ. މި ވަޠަންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފުރާނަ ޤުރުބާންކޮށްފައެވެ.

ނަސްރުގެ ދުވަހު މި ޤައުމަށް ދިމާވި އުދުވާނީ ހަމަލާއާއި އޭގެ ކުރިން މި ކުޑަކުޑަ ރާއްޖެ އަޅުވެތިވި ޕޯޗުގީޒުންނާއި މަލާބާރީންފަދަ އިސްތިއުމާރީ ބާރުތަކުން ދީފައިވާ ހަމަލާތަކަކީ މިއަދު އެކަންކަމުން ޢިބްރަތް ހާސިލް ކުރަން ޖެހޭ ހާދިސާތަކެކެވެ.

ދިވެހި ކޮންމެ ރައްޔިތަކުވެސް މިކަންކަން ވިސްނުމުގައި ބަހައްޓަންޖެހޭ ކަންކަމެވެ.

މިފަދަ ބިރުވެރި ހާދިސާތަކުން، އިބުރަތް ލިބިގަނެ، ބޭރު ގައުމުތަކުގެ އަތްދަށަށް މި ގައުމު ނުގޮސް މިނިވަންކަން މަތީ ދެމިއޮތުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ.