ދުވާފަރުގެ މަގު ހެދުމުގެ ޕްރޮޖެކްޓަށް އިތުރު މަސައްކަތް ހަވާލުކުރި އިރު އެ ޕްރޮޖެކްޓުގެ މަސައްކަތުގެ އެކްފާޓް ލޭޔަރގެ އޭބީސީ ލެވެލްގެ މަސައްކަތް އޮތީ ނިމިފައި ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޕްރޮޖެކްޓްތަކުގައި ސޮއިކުރުން މަޑުޖައްސާލައިފައިވާ ވަގުތެއްގައި ތިރީސްހަތް މިލިއަން އަށްލައްކަ ހަތްދިހަ އެއްހާސް ހައްސަތޭކަ އަށްޑިހަ ހަ ރުފިޔާ ޚަރަދުކުރާ ގޮތަށް އިސްކަމެއްދީގެން ބަޖެޓުގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއިކުރަން ޖެހެނު ސަބަބު އޮޅުން ފިލުވުމަށްޓަކައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު މިފަދަ ސުވާލެއް މިނިސްޓަރަށް އަމާޒުކުރެއްވީ ދުވާފަރުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގައި ކުރިން ނުހިމެނޭ އިތުރު މަގުތަކެއްގެ މަސައްކަތް ހަވާލުކޮށްފައިވާ ވަގުތެއްގައެވެ.
މިނިސްޓަރ ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަނީ އައު ޕްރޮޖެކްޓެއްގައި ސޮއިކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި ނޫން ކަމަށެވެ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއަކީ ކުރިން ހިނގަމުން އައި ޕްރޮޖެކްޓެއް ކަމަށާއި އެގޮތުން 13 މަގެއް ހެދުމަށް އޮތީ ކަނޑައެޅިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ 13 މަގު ހެދުމުގެ މަސައްކަތަކީ ކުރީ ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށާއި ނަމަވެސް އެ ރަށުގެ މަގުތަކުގެ މައްސަލަ ހައްލުނުވާނެ ކަމަށް ސަރުކާރަށް ފެންނާތީ އިތުރު 9 މަގެއްގެ މަސައްކަތް އެ ޕްރޮޖެކްޓްގެ ތެރެއަށް ގެންދިޔައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިތުރު މަސައްކަތް ހަވާލުކުރި އިރު އެ ޕްރޮޖެކްޓުގެ މަސައްކަތުގެ އެކްފާޓް ލޭޔަރގެ އޭބީސީ ލޭޔަރގެ މަސައްކަތް އޮތީ ނިމިފައި ކަމަށާއި އަދި ކާބް ޖެހުމުގެ މަސައްކަތް އޮތީ އެއްކޮށް ނިމިފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބަޖެޓުގައި ހިމަނާފައިވާ ނުވާ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބަޖެޓުގައި ނުހިމެނި ހުންނަ މަސައްކަތްތައް ކުރަނީ އެމަޖެންސީ ހާލަތެއް މެދިވެރިވުމުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން އެގޮތަށް އެކަން ކުރުމަށް ނިންމުމުން ކަމަށެވެ. އަދި ދުވާފަރުގައި މިހާރު ހިނގަމުންދާ މަސައްކަތްވެސް ކުރަމުން އަންނަނީ ބަޖެޓު ކޯޑުގެ ތެރެއިން އެ ޕްރޮޖެކްޓުގެ އެކްޓެންޝަނެއްގެ ގޮތުގައި ކަމަށެވެ.