ސަރުކާރުގެ އިންޝުއަރެންސް ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅުން ފެނިގެންދަނީ އަގޮބޮޑެތި ހޮޓާތަކުގެ ކޮފީ މޭޒުތަކުން އިންޝުއަރެންސްގެ ބޮޑެތި ޑީލްތައް ނިންމާލާ މަންޒަރުތައް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ތުހުމަތުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހުށަހަޅުއްވާފައިވާ އިންޝުއަރެންސް ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ހުސެއިން ޝަމީމް ވިދާޅުވީ ސަރުކާރުގެ އިންޝުއަރެންސް ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅުން ފެނިގެންދަނީ އަގޮބޮޑެތި ހޮޓާތަކުގެ ކޮފީ މޭޒުތަކުން އިންޝުއަރެންސްގެ ވިޔަފާރީގެ ބޮޑެތި ޑީލްތައް ނިންމާލާ މަންޒަރުތައް ކަމަށާއި ހަގީގަތުގައި ބަދަލު ލިބިގެންދަނީ ބަދަލު ލިބެންޖެހޭ ފަރާތަކަށް ނޫން ކަމަށެވެ.

ސަރުކާރުގެ އިންޝުއަރެންސް ކުންފުންޏާއި އަޅާބަލާއިރު އަމިއްލަ ބަޔަަކު އުފައްދައިގެން އުޅޭ އިންޝުއަރެންސް ކުންފުންޏަށް ލިބޭ ފައިދާ މާބޮޑު ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިކަންކަން ރެގިއުލޭޓު ކުރެވޭނެ މީހުން ތިބެންޖެހޭކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ސަރުކާރުގެ މަގާމަކަށް މީހަކު އައްޔަން ކުރާ ހިސާބުން އެ މީހަކީ މާ ގާބިލް މީހަކަށް ހަދައި ގިނަ ކަންކަން ހަވާލުކުރީމަ އެއްވެސް ކަމެއް ބަލަންޖެހޭ ވަރަށް ބެލިފައި ނެތް ކަމަށެވެ.

ގާނޫނެއް ނޫން ނެތިގެން މިއުޅެނީ. މިހާރުގެ ސަރުކާރުގެ އިންޝުއަރެންސް ކުންފުނީގެ ހާލަކީ ބޯޑުގައި ތިއްބަވަންޖެހިވަޑައިގަންނަވާ 7 މެމްބަރުން. މިހާރުވެސް ތިބީ 4 މެމްބަރުން. 3 މެމްބަރުން މަދު. އިންޝުއަރެންސް ކުންފުނިން ބަދަލުދޭ އިރު ދެބައިކުޅަ އެއްބައި މަދު."
މެމްބަރު ހުސެއިން ޝަމީމް

އިންޝުއަރެންސް ކުންފުނީގައި ޗެއަރމަނަކު ނެތްކަމުގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން މެމްބަރު ވިދާޅުވީ ކުންފުނީގައި ތިއްބެވީ އެސްޓިއޯގެ މަދު ބޭފުޅުންކޮޅެއް ކަމަށާއި މިހާތަނަށް އައި އިރު އިންޝުއަރެންސް ކުންފުނިން ހައްގު ބަދަލެއް ރައްޔިތުންނަށް ދުވަހަކުވެސް ލިބިފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ކިތަންމެ ގިނަ ގާނޫނެއް ހެދިކަމުގައިވީނަމަވެސް އެ ގާނޫނުތަކާއި ގުޅިގެން ހަދަންޖެހޭ ގައިވާއިދުތައް ހަދާ އެކަން ބަލާނެ ބަޔަކު ނެތް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެއެސްއޯއީ ކޮމެޓީއަަށް ފާޑުވިދާޅުވެ މެމްބަރު ވިދާޅުވީ އެސްއޯއި ކޮމެޓީގައި ސަރުކާރުގެ ސްޓޭޓް އޯނަރ އެންޓަޕްރައިސެސްގެ ރިވިއުއެއް ހެދުމަށް ފާސްކޮށްފައިވާ ރިޕޯޓެއް އޮންނާނެ ކަމަށެވެ.

ކޮބައިތޯ ރިވިއު؟ މެމްބަރުން ބަދަލުކޮށްގެން އެކަން ކުރަންޏާ ކޮށްގެންވެސް މިތަނަށް ގެންނަންވީ ނޫންތޯ؟"
މެމްބަރު ހުސެއިން ޝަމީމް

އެސްޓިއޯގެ އެމްޑީގެ އިރުޝާދުތަކަށް އެލައިޑު އިންޝުއަރެންސް ކުންފުނީގެ މީހުން ބޯނުލަނބާ ކަމަށާއި އެހެންކަމުން އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަށް ބޭނުންވާ ގަވާއިދުތައް ހެދުމަށް ބޭނުންވާ ގާނޫނުތައް ފުރިހަމައަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މި ބިލަކީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ އިންޝުއަރެންސް އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަށް ބޭނުންވާ ގަވާއިދުތައް ހެދުމަށް ބޭނުންވާ ގާނޫނުތައް ތައްޔާރުކުރުމަށް ހުށަހެޅޭ ބިލެކެވެ.