ވިލާ ކޮލެޖުން މުޅިން އަލަށް ތަޢާރަފްކުރާ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ އެލްއެލްއެމް (ކޮމަރޝަލް ލޯ) ޕްރޮގްރާމް ލޯންޗުކޮށްފިއެވެ.
މި ޕްރޮގްރާމް ލޯންޗުކުރެވިގެން ދިޔައީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ.
މި ޙަފްލާގައި ޕްރޮގްރާމް ލޯންޗުކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު މުއުތަސިމް އަދުނާނެވެ. މިހަފްލާގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ދިވެހިރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ފާހަގަ ކުރެއްވިއެވެ. އެލްއެލްއެމް ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ތިބެގެން ކޮމަރޝަލް ލޯ އިން މާސްޓަރސް އެއް ހެދުމުގެ ފުރުސަތު ލިބުމަކީ އެދާއިރާއިން ޤާބިލް އެތައް ދިވެހި ދަރީންނެއް އުފެއްދުމަށްޓަކައި ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
މިޙަފްލާގައި ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވަނީ ވިލާ ކޮލެޖުން އެލްއެލްއެމް ޕްރޮގްރާމް ފެށުމަށްޓަކައި ކުރި މަސައްކަތަށް ކޮލެޖުގެ އެންމެހާ މުވައްޒަފުނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ޤާނޫނީ ދާއިރާއަށް ޤާބިލް ދަރިވަރުންތަކެއް ނެރެދިނުމަކީ ކޮލެޖުގެ އެންމެ މައިގަނޑު އެއް އަމާޒުކަމަށް ރެކްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޙަފްލާގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން، އަލްއުސްތާޛާ ޝާބާބު ރަޝީދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންނަށް ރާއްޖޭގައި ހުރެގެން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ މާސްޓަރސް ޕްރޮގްރާމެއް ހެދުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މީގެ އިތުރުން، މިޕްރޮގްރާމް ފުރިހަމަ ކުރުމަށްޓަކައި ދަރިވަރުންނަށް ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑް އާއި ވިލާ ކޮލެޖުގެ އޮންލައިން ލައިބްރަރީ ނުވަތަ ރިސޯސަސްތަކަށް އެކްސެސް ލިބި، އޭގެ ފައިދާ ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ވިލާ ކޮލެޖުން ޖެނުއަރީ 2021 އިންޓޭކުގައި ޖުމްލަ 102 ޕްރޮގްރާމަކަށް އެޕަލައި ކުރުމުގެ ފުރުސަތު ހުޅުވިފައިވާ އިރު، އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީޚާކީ 19 ޑިސެމްބަރ 2020 އެވެ.