އިންޑިއާގެ އިތުރުން ދިވެހިރާއްޖޭގަވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ އަދި ހޯސްޓް އަދިތްޔާ ނާރަޔަން އޭނާގެ ކައިވެނީގެ އުފާވެރި ޚަބަރު ފޭނުންނާ ހިއްސާކޮށްފިއެވެ.

11 އަހަރު ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު އަދިތްޔާ އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް ޝްވެތާ އަގަރްވާލް އާއި ކައިވެނިކުރާކަން އިއުލާނުކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

މިވަގުތު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކާ އެކަހެރިވުމަށްފަހު އަދިތްޔާ އަދި ޝްވެތާވެސް ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ކައިވެނީގެ އެކި ކަންކަން އިންތިޒާމު ކުރުގައެވެ.

އަދިތްޔާއާ ޝްވެތާ އެންމެ ފުރަތަމަ ބައްދަލުވެފައިވަނީ ދެމީހުން އެކުގައި 2010 ވަނަ އަހަރު ކުޅުނު ފިލްމު ޝާޕިތްއިންނެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލްގެ ޖަޖް ނޭހާ ކައްކަރުއާއި އަދިތްޔާއާ ދެމީހުންގެ ކައިވެނީގެ ވާހަކަ ވަރަށްބޮޑަށްވަނީ ދެކެވިގެން ގޮސްފައެވެ.

އެހެންނަމަވެސް ނޭހާ ކައްކަރުވަނީ ލަވަކިޔުންތެރިޔާ ރޯހަން ޕްރީތްއާ މިދިޔަ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު ކައިވެނިކޮށްފައެވެ.

އަދިތްޔާގެ ބައްޕަ އަދި ދުވަސްވީ މަޝްހޫރު ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަންއާ އެކީވެސް އަދިތްޔާވަނީ ވަރަށް ހިތްގައިމު ލަވަތަކެއް ޢާއްމުންނާ ހަމައަށް ގެނެސްދީފައެވެ. އޭގެތެރޭގައި މަޝްހޫރު ފިލްމު އަކޭލޭ ހަމް އަކޭލޭ ތުމް ފިލްމަށް ކިޔައިދީފައިވާ ލަވަ ހިމެނެއެވެ.

އަދިތްޔާއަކީ ލަވަކިއުމުގެ އިތުރުން އިންޑިއާގައި ބާއްވާ މަޝްހޫރު އެކި ޝޯވްތައް ހޯސްޓްކޮށް ގިނަބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.