ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް ސަލާމަތީ ބާރުތަކުން ބަޣާވާތެއް ނުކުރާނެކަމަށް ދަންނަވަން ނުކެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ 2012 އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ސަރުކާރާއި ދެކޮޅަށް ފުލުހުން ނިކުމެ ކަންތައްތަކެއް ހިންގި ނަމަވެސް މި ސަރުކާރުވެސް އަދި އެހެން ސަރުކާރެއްވެސް ވައްޓާލުމަށް ފުލުހުން ދެން ނުނިކުންނާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވާފައިވާ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގި ފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުމުން ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކޯނީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ.

އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް މިއުޓިނީއެއް ނުކުރާނެކަމަށް ދަންނަވަން ނުކެރޭނެ."
ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައިވާ އިރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ފުލުހުންވެސް ހިމެނޭ ގޮތަށް އޭރުގެ ސަލާމާތީ ބާރުތަކުން މަގު މައްޗަށް ނިކުމެ ކަންތައްތަކެއް ހިންގި ނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށެވެ.

އަދި އެއީ މާޒީ ކަމަށާއި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.