ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ހަބް ކުންފުންޏަށް ދައްކަންޖެހޭ ހަތް ލައްކައަށްވުރެ ގިނަ ފައިސާގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ސްޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

މިމައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ޑީއާރްޕީއިން އެކި ފަހަރުމަތިން ހަބް ކުންފުނިން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދެއްކުމުން އެ ކުންފުނިން އެމައްސަލައިގައި ދައުވާ ކުރުމުން، ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީީ 2014 ވަނަ އަހަރުއެވެ. ސިވިލް ކޯޓުން ކުރި އެހުކުމަށް ހައި ކޯޓުންވެސް 2015 ވަނަ އަހަރު ތާއީދުކުރިއެވެ.

ހައިކޯޓުން ކުރި ހުކުމްގައިވަނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީއަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު، އެ އިންވޮއިސްގައިވާ އަގުގެ ހިދުމަތްތަކަކީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު އެކުންފުނިން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ.

ނަމަވެސް ހައިކޯޓުުން އިއްވި ހުކުމް ޑީއާރުޕީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މާދަމާ ބާއްވާ އަޑުއެހުމަކީ، ޑީއާރުޕީން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެކެވެ.

މީގެކުރިން ސިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ޑީއާރުޕީން ފައިސާ ދައްކާފައިނުވާތީ، ހަބް ކުންފުނިން ވަނީ އެހުކުމް ތަންފީޒު ކޮށްދޭން އެދި ސަވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ނަމަވެސް ޑީއާރުޕީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ ސިވިލް ކޯޓުން އެފަހަރު ނިންމީ އެހުކުމް ތަންފީޒުކޮށް ދެވެން ނެތްކަމަށެވެ.