ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ މީހުންނަކީ ވަރަށް ދަތި ހާލުގައި އުޅެމުންދާ ބައެކެވެ. ތުއްތުކުދިންނާއި އެކަނިވެރި މައިންނާއި، މިފަދަ ހާލުގައި ޖެހިފައިވާ އެތައްބައެއް މިފަދަ ފޭލިގެ ތަކުގައި އެބަތިއްބެވެ. މިއީ ފިނި މޫސުމަށްވުމާއިއެކު ފިނިން ސަލާމަތް ވުމަށްޓަކައި ދުރާލާ ތައްޔާރުވާންޖެހެއެވެ.

ސީރިއާގެ ފޭލިގެއެއްގައި ދިރިއުޅެމުންދާ މަންމައެއްގެ އުންމީދެއް މި ފިނި މޫސުމާއި ދިމާކޮށް އެބައޮތެވެ. ދެކުނު ޙަލަބްގެ ހާލަތާއި ގުޅިގެން އެތަނުން ނިކުންނަން ޖެހުނު މީހުންގެ ތެރޭގައި 10 ދަރިންގެ މަންމައެއް ކަމަށްވާ އުއްމު މުޙައްމަދު އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް އޭނާގެ ހިތުގެ އިހްސާސްތައް ހިއްސާކުރިއެވެ.

އުއްމު މުހައްމަދުގެ 7 އަންހެން ކުދިންނާއި 3 ފިރިހެން ކުދިން ތިބެއެވެ. ވައިގެ ހަމަލާތަކާއި ގުޅިގެން އަމިއްލަ ގެއިން ނިކުންނަން ޖެހުނު މިއާއިލާ މިހާރު ދިރިއުޅެމުންދަނީ ފޭލި ގެއެއްގައެވެ. އަދި ޢޭތާނގައި ދިރިއުޅެމުން ދާތާ މިހާރު ދޮޅުއަހަރު ވެފައިވާކަމަަށް އުއްމު މުހައްމަދު ބުންޏެވެ.

ފިނި މޫސުމަކީ މިފަދަ ދަތި ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އިތުރު ނިކަމެތިކަމެއް ކުރިމަތިވާ ދުވަސްވަރެއް ކަމަށްވުމުން، މި މޫސުމަށް ތައްޔާރުވުމަށް ކުރަނީ ކޮންކަމެއްތޯ އައިއޭސީއިން ސުވާލުކުރުމުން އުއްމު މުހައްމަދު ބުނީ، ފުރަތަމަ ހަލާކުވެފައިހުރި ތަންތަން ވައި ނުވަންނަ ގޮތަށް ބަންދުކުރަނީ ކަމަށެވެ. މީގެއިތުރުން ވިއްސާރައިގެ ފެނުން ރައްކާތެރިކަން ހޯދުމަށް ޕްލާސްޓިކް ކަވަރު ހޯދައިގެން ފޭލިގޭގެ ބޭރުގައި އަޅާކަމަށް އެ މަންމަ ބުންޏެވެ. އަދި އޭނާގެ ދަރިންނަށް ފިނިން ރައްކާތެރިވުމަށާއި ހޫނުކަން ހޯދައިދިނުމަށް ބޭނުންކޮށްފައި ހުންނަ އަންނައުނު ލިބޭތޯ މަސައްކަތްކުރާ ވާހަކަ އެ މަންމަ ބުންޏެވެ.

މި އާއިލާއިން ފޭލިގޭގެ ތެރޭގައި ހޫނުކުރުމަށް ބޭނުންކުރާ އާލަތް ދައްކަމުން އުއްމު މުހައްމަދު ބުނީ ފިނިމޫސުމުގައި ހޫނު ކުރުމަށް އޭގެ ތެރެޔަށް ތެޔޮ އަޅަނީ ކަމަށާއި އަދި އޭތި އަނދަން ފެށިމުން އާއިލާ މެމްބަރުން އޭގެ ވަށައިގެން ތިބެނީ ކަމަށެވެ. މިފަދަ ނުރައްކާތެރި ވަސީލަތެއް ބޭނުންކުރުމާއި ބެހޭގޮތުން އައިއޭސީއިން ސުވާލުކުރުމުން އެ އާއިލާގެ މަންމަ ބުނީ، އެއީ ނުރައްކާތެރިކަމެއް ކަމުގައި ޤަބޫލްކުރާ ކަމަށާއި، މިއީ މިފަދަ ނައިލޯން ފޭލިގެއެއް ތެރޭގަ ރޯކޮށްފަ ހުންނަ އަލިފާން ކަމަށެވެ. އަދި މިގޮތަށް މި ވަސީލަތް ބޭނުންކުރުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ފޭލިގެތަކުގައި އަނދާ ހުލިވެފައި އެބަހުރިކަން އުއްމު މުހައްމަދު ފާހަގަކުރިއެވެ.

އެފޭލިގޭގައި ހޫނުކުރަން ބޭނުންކުރާ ވަސީލަތައް އަޅާ ތެލާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ ތެޔޮ ލީޓަރެއް އެއް ޑޮލަރަށް ލިބޭތީ އެމީހުން ބަހައްޓަނީ ވަރަށް ލަސްލަހުން ތިކި ޖެހޭގޮތަށް ހަދާފައި ކަމަށާއި ލީޓަރަކުން އެއްގަޑއިރު ހިފަހައްޓާލެވޭ ކަމަށެވެ. މީގެއިތުރުން ދުވާލަކު އެއްލީޓަރަށް ވުރެ ގިނައިން ބޭނުން ކުރުމުގެ ފުދުންތެރިކަމެއް އެ އާއިލާގެ ކިބައިގައި ނެތް ކަމަށެވެ. އެހެންކަމުން ފިނި މޫސުމުގައި، ދުވާލަކު އެންމެ ގަޑިއިރަކަށް ހޫނުކޮށްފައި ބާކީ ހުންނަ ވަގުތުތަކުގައި އެ އާއިލާއިން ބަހައްޓަނީ އޭތި ނިއްވާލާފައެވެ. އޭގެ ބަދަލުގައި ދެންހުރި ވަގުތު ތަކުގައި އެންމެން ތިބެނީ ކައިރިކަރީގައި ރަޖާ އަޅާއިގެންކަމަށް އުއްމު މުހައްމަދު ބުންޏެވެ. އަދި ބައެއްފަހަރު ފްލާސްޓިކް ހޮވައިގެން ފޭލިގެ ކުރިމަތީގައި ހޫނުކުރުމަށް އެވެސް އަންދާކަން އޭނާ ބުންޏެވެ.

ފިނި މޫސުމަކީ ގިނަ ތުއްތުކުދިން ބަލިވާ މޫސުމެއްކަމުން ބަލިވުމުން ކިހިނެއްތޯ ހަދަނީ އެހުމުން ވަރަށް އަސަރާއިއެކު އުއްމު މުހައްމަދު ބުނީ ބޭސް ގަނެފިއްޔާ ތެލެއް ނުގަނެވޭނެތީ، ބަލިވުމުން އެކުދިންގެ ގައިގައި ރަޖާ އަޅުވާފައި ބައިތިއްބަނީ ކަމަށެވެ. މިފިނި މޫސުމާއި ދިމާކޮށް 10 ދަރިންގެ މަންމަ އުއްމު މުހައްމަދުގެ އެދުމެއް އެބައޮތެވެ. އޭނާގެ އެދުމަކީ އޭނާގެ ދަރިން ފިނިން ރައްކާތެރިކޮށްދީ ހޫނު ކަމެއް ލިބުމެވެ.

މިއީ އެންމެ މަންމައެއްގެ އާދޭހުގެ އަޑު ކަމުގައިވިއަސް، މިއީ ސީރިއާ، ފަލަސްތީން، ޔަމަން އަދި ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންގެ ތެރޭގައި ދިރިއުޅެމުންދާ ހުރިހާ މަންމައިންގެ އާދޭހެވެ. އެހުރިހާ މައިންގެ އުންމީދަކީ މިއަހަރުގެ ފިނި މޫސުމުގައި އެ ފަރާތްތަކުގެ އާއިލާއަށް ރައްކާތެރިކަމެއް ލިބުމެވެ. އަދި މި ރައްކާތެރިކަން ފޯރުކޮށްދޭނެ އެހީތެރިކަމުގެ އަތެއް ލިބުމެވެ.

އައިއޭސީއިން ވަނީ މިއަހަރު ފިނި މޫސުމާއި ދިމާކޮށް ސަވައިވިންގް ވިންޓަރ 2020 ލޯންޗުކޮށްފައެވެ. ސަވައިވިންގް ވިންޓަރ 2020 ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއްމަސް ދުވަހަށް ބޭނުންވާ ޕެކޭޖް ހަމަޖެހިގެންދާނެއެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާއެވެ. މިޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުންކުރެވޭނެ އެކިކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނިގެން ދާނެއެވެ.

މިނިކަމެތި އާއިލާތަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އެ ފަރާތަކެއް ދެވުނު މިންވަރެއް ހަދިޔާ ކޮށްދިނުމުގެ ފުރުސަތު އައިއޭސީން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި 4 ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީއެމްއެލް އިސްލާމިކުގެ 4 އެކައުންޓެއް ހާއްސަ ކޮށްފައިވެއެވެ.