އދ. މާމިގިލީގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަސްވާ ފެލްކަން ޔޫތު އެންޑް ރެކްރިއޭޝަނުން ތަރައްގީކުރި ފުޓްސަލް ދަނޑު އދ އަތޮޅު މަދްރަސާއާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މާމިގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދައިރާގެ މެމްބަރު ގާސިމް އިބްރާހިމްއެވެ.

މާމިގިލީގައި ހުންނަ އދ އަތޮޅު މަދްރަސާގެ ގޯތިތެރޭގައި ތަރައްގީކުރި މި ފުޓްސަލް ދަނޑަކީ 40 މީޓަރު، 20 މީޓަރުގެ ދަނޑެކެވެ.

ފެލްކަން ޔޫތު އެންޑް ރެކްރިއޭޝަނުން ބުނީ، މިއީ އެ ޖަމްއިއްޔާގެ ހުރިހާ މެމްބަރުން ގަދައަޅައި ކުރި ބުރަ މަސައަކަތެއް ކަމަށެވެ. މިދަނޑުގައި އަޅާފައިވާ ޓާފަކީ ކޮންރެޑް މޯލްޑިވްސްގެ ދަނޑު ބަދަލުކުރަންވެގެން އެރަށުގެ ދަނޑުގައި އަޅާފައިވާ ޓާފް، ފެލްކަން ޔޫތު އެންޑް ރެކްރިއޭޝަނަށް ދިނުމުން ކޮށްފައިވާ މަސައްކަތެކެވެ.

އެހެން ނަމަވެސް، ދަނޑު ހެދުމަށް ވަރަށް ބޮޑެތި ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ދަނޑު ހެދުމުގެ މަސައްކަތް ލަސްވެގެންދިޔައީ، ކޮވިޑް-19 ބައްޔާ ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް ފެލްކަން ޔޫތު އެންޑް ރެކްރިއޭޝަނުން ބުނެއެވެ.

ދަނޑުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ގާސިމް އިބްރާހިމްގެ ފަރާތުން ވަރަބޮޑު އެހީތެރިކަމެއް ލިބުނު ކަމަށާއި، މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި، އެނޫން ސާމާނު ވިލާ ގްރޫޕުން ދެއްވިކަން މިއަދުގެ ރަސްމިއްޔާތުގައި ފެލްކަން ޔޫތު އެންޑް ރެކްރިއޭޝަނުން ހާމަކޮށްފައި ވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފެލްކަން ޔޫތު އެންޑް ރެކްރިއޭޝަނުން ހެދި ފުޓްސަލް ދަނޑު އދ އަތޮޅު މަދްރަސާއާ ހަވާލުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމްވަނީ، ފުޓްސަލް ދަނޑު ހެދުމަށް ޖަމްއިއްޔާއިން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ފައެވެ. އަދި މިއީ ރަށަށާއި ސްކޫލަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، މިހާރު މިއޮތް ކޮވިޑް ބަލިމަޑު ހާލަތާ ގުޅިގެން ސްކޫލެއްގެ ކަމެއްވިޔަސް، ރަށެއްގެ ކަމެއްވިޔަސް ސަރުކާރަށް ކޮށްދޭން ދަތިވެގެން ހިނގައިދާނެ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުން އިގްތިސާދީގޮތުންވެސް އެންމެ ބޮޑަށް އަސަރުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ފަތުރުވެރިކަން ހުޅުވާލެވި މިހާރު މިއޮތް ހިސާބަށް އާދެވިފައި މިވަނީ، ސަރުކާރުން ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން ކުރެއްވި މަސައްކަތުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް، އިގްތިސާދީ މަސައްކަތްތައް ފަށައިގަނެވި ތަރައްގީގެ މަސައްކަތުގައި ކުރީގައޮތް ހާލަތަށް ދެވޭނީ 2022 ގެ ނިޔަލަށް ނުވަތަ 2023 ގެ މެދުތެރޭގައި ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިހާލަތުގައި ރަށުގެ ތަރައްގީއަށް އަމިއްލަގޮތުން ކުރެވެންއޮތް ކަމެއް ކުރަންޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ރައީސަށާއި މިނިސްޓަރުންނަށް ދަންނަވައިގެން ކުރެވެންއޮތް ކަމެއްވެސް ކުރަންޖެހޭނޭ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ކްލަބްތަކާއި ޖަމާއަތްތަކުން ނޫނަސް، ރަށުގެ ހުރިހާ ރައްޔިތުން އެއްބާރުލައިގެންނާއި، ފަރުދީ ފެންވަރުގައިވެސް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މާމިގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމާއެކު، މާމިގިލީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުން ހޮސްޕިޓަލެއް ގާއިމްކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މިހާރުގެ ހެލްތު މިނިސްޓަރާވެސް އެކަމުގެ މަޝްވަރާތައް ކުރައްވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެކަން ފަހިވެގެންދާނެކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް ކުރަނީ ސަރުކާރާ ގުޅިގެން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިނާ އެއްގޮތަށް، މާސްކްއަޅައި އަދި އިޖުތިމާއީ ގައިދުރުކަން ގާއިމްކޮށްގެން މާމިގިލީ ސްކޫލްގެ ގޯތި ތެރޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މާމިގިލީ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދާއި، އދ. އަތޮޅު މަދްރަސާ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރ އަޒީޒާ އަލީވެސް ވާހަކަ ދެއްކެވިއެވެ.

އަޒީޒާ އަލީގެ ވާހަކައިގައި ސްކޫލްގެ ގޯތެރޭގައި ހެދި ފުޓްސަލް ދަނޑަކީ، ދުޅަހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް ހުޅުވިގެންދިޔަ އިތުރު ދޮރެއް ކަމަށް ވިދާޅުވިއެވެ.

ކޮވިޑްބަލީގެ ހާލަތާހެދި މިއަދުގެ ރަސްމިއްޔާތުގައި ސްކޫލްގެ އެއްވެސް ދަރިވަރަކުވެސް އަދި ބެލެނިވެރިޔަކުވެސް ބައިވެރި ކޮށްފައެއް ނުވެއެވެ.