ށ. އަަތޮޅު ހޮސްޕިޓަލުން މިދިޔަ ހުކުރުދުވަހު ކުރި، ކަރުންމަތީގެ ފުރަތަމަ، ބޮޑު އޮޕަރޭޝަނާއެކު ބޮޑެތި އެހެން އޮޕަރޭޝަންތައް ހޮސްޕިޓަލުން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ޒުމްރަތު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅު ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކަރުން މަތީގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފައިވާތީއެކަމުގެ މައުލޫމާތު ވީނިއުސްއާއި ހިއްސާކުރައްވަމުން ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވީ ކަރާއި އަނގައާއި ދެމެދު ކުޅު އުފައްދާ ހިސާބުގައި އުފެދިފައިވާ ހިލަތަކެއް ނެގުމަށް ކުރެވުނު އޮޕަރޭޝަނަކީ އަތޮޅު ހޮސްޕިޓަލުގެ ތާރީޚުގައިވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކުވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރެވުނީ ހޮސްޕިޓަލްގެ ސާރޖިކަލް ޓީމުގެ ހިތްވަރުގަދަކަމާއި ގާބިލްކަމުން ކަމަށެވެ. އަދި މި އޮޕަރޭޝަނާއެކު އިތުރު އެހެން ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެކަމުގެ ޔަގީންކަން ލިބިގެން ހިނގައްޖެކަމަށްވެސް ޒުމްރަތު ވިދާޅުވިއެވެ.

ށ. އަތޮޅު ހޮސްޕިޓަލަކީ އަތޮޅުގެ ރައްޔިތުންގެ އިތުރަށް ކައިރި އެހެން އަތޮޅުތަކުގެ މީހުންވެސް ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާ ޒުމްރަތު ވިދާޅުވީ ނ. އަތޮޅުގެ ބައެއް ރަށްތަކުގެ ރައްޔިތުން ވަރަށް ގިނައިން އެ ހޮސްޕިޓަލުގެ ޚިދުމަތް ހޯދާ ކަމަށެވެ. އެގޮތުން އިންފަރޓިލިޓީގެ ޚިދުމަތް ހޯދަމުންދާ ފަރާތްތައް އެ ސަރަހައްދުގައި ވަރަށް ގިނަވާނެ ކަމަށް ޒުމްރަތު ވިދާޅުވިއެވެ.

މިފަދަ އޮޕަރޭޝަންތައް ކުރެވެން ފެށުމަކީ އަތޮޅުގެ ރައްޔިތުންނަށާއި، ހޮސްޕިޓަލުން ފަރުވާހޯދަމުން އަންނަ ހުރިހާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ހޮސްޕިޓަލަށް އިތުބާރުކުރާ މީހުން ގިނަވެއްޖެ. މިހާރުވެސް ހޮސްޕިޓަލުގައި އަންހެނުންގެ ޚާއްސަ 2 ޑޮކްޓަރަކާއި ކުޑަކުދިން ޚާއްސަ ޑޮކްޓަރެއްގެ އިތުރަށް ސަރޖެން އަދި ފިޒިޝަނެއް އަދި މެޑިކަލް އޮފިސަރުންގެ ގޮތުގައި 8 މީހުން މަސައްކަތްކުރޭ. މިހާރު ވަނީ އެތެރެހަށީގެ ޑޮކްޓަރެއްވެސް ލިބިފަ.
ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ

ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރުގެ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފައިވާއިރު ބަލިމީހާގެ ހާލުވެސް އަންނަނީ ރަގަޅުވަމުން ކަމަށް ޒުމްރަތު ވިދާޅުވިއެވެ.

ސަރުކާރުން ވަރަށް ގާތުން އެ ހޮސްޕިޓަލަށް ދިމާވާ ކަންކަން ބަލަމުންދާކަން ފާހަގަ ކުރައްވާ ޒުމްރަތު ވިދާޅުވީ ސިއްހީ ދާއިރާއަކީ އަބަދުވެސް ތަރައްގީވާންޖެހޭ ދާއިރާއެއްކަމުން ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް ފުނަދޫގައި އައު ހޮސްޕިޓަލެއް ގާއިމްކުރުމަކީ. ދެން އެ ވައުދު ފުއްދަވާދެއްވާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. މައުލޫމާތު ލިބޭގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހޮސްޕިޓަލުގެ އައު އިމާރާތް ވަނީ ހިމަނާފައި. އައު އިމާރާތާއެކު އިތުރު ޚިދުމަތްތައް ފުޅާކުރެވޭނެ.
ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ޒުމްރަތު

ހޮސްޕިޓަލުގެ ޓީމަށް އިތުބާރު ކުރެއްވުމަށް އެދި ޒުމްރަތު ވިދާޅުވީ ކަރުންމަތީގެ ޚާއްސަ އޮޕަރޭޝަންތަކާއި ބަނޑުގެ އޮޕަރޭޝަންތައް ކުރައްވަން ބޭނުންވާ ބޭފުޅުންނަށް އެފުރުސަތު އެ ހޮސްޕިޓަލުން އޮތީ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައި ކަމަށެވެ.

އަދި އޮޕަރޭޝަން ތިއޭޓަރ އިތުރަށް ތަރައްގީވެ އެތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ފަހިވެ އެންމެ ފުރިހަމަ ޚިދުމަތެއް އާންމު ރައްޔިތުންނަށް ލިބެން ފެއްޓުމަކީ އިތުރަށް ކުރައްވާ އުންމީދެއްކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ރައްޔިތުންނަށް އަބަދުވެސް ހޮސްޕިޓަލުން މަރުހަބާ ކިޔާނެ ކަމަށްވެސް ހޮސްޕިޓަލުގެ މެނޭޖަރ ޒުމްރަތު ވިދާޅުވިއެވެ.