އިންޑިއާގެ ޓީވީ ތަރި ނަކުލް މެހެތާ އޭނާ ބައްޕައަކަށް ވާން އުޅޭކަމުގެ އުފާވެރި ޚަބަރު ފޭނުންނާ ހިއްސާކޮށްފިއެވެ.

ނަކުލް މެހެތާ އޭނާގެ އަންހެނުން އަދި ލަވަކިއުންތެރިއާ ޖާންކީ ޕަރޭކްއާ ދެމީހުން މިއުފާވެރި ޚަބަރު ފޭނުންނާ ހިއްސާކޮށްފައިވަނީ އެމީހުންގެ ސޯޝަލް މީޑިއާ ޕޭޖް މެދުވެރިކޮށެވެ.

2012 ވަނަ އަހަރު ކައިވެންޏަށްފަހު މިއަދާ ހަމައަށް ދެތަރިން ހޭދަކޮށްފައިވާ އުފާވެރި ވަގުތުތައް ހިމެނޭގޮތަށް ވީޑިއޯއެއްވެސް ނަކުލްވަނީ ފޭނުންނާ ހިއްސާކޮށްފައެވެ.

ބައްޕައަކަށްވުމަކީ އަބަދުވެސް ބޭނުންވިކަމެއް ކަމަށާއި ދެން މާގިނަ ދުވަހެއް އިންތިޒާރުކުރަން ނުޖެހޭނެކަމަށް ނަކުލްވަނީ ބުނެފައެވެ.

ނަކުލްގެ ގާތް އެކުވެރިންގެ އިތުރުން ޓީވީ އިންޑަސްޓރީގެ ގިނަ ތަރިންވަނީ މިދެތަރިންނަށް މަރުޙަބާގެ އެކި މެސެޖްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާފައެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި ނަކުލްއަކީ ކުޑަކުދިންދެކެ ވަރަށް ލޯބިވާ ފަންނާނެކެވެ. އެހެންކަމުން ހަޔާތަށް އިތުރުވި މިރޯލުވެސް އޭނާ ވަރަށް ފުރިހަމައަށް އަދާކުރާނެކަމަށް އޭނާގެ އެކުވެރި ޓީވީ އިންޑަސްޓްރީގެ ތަރިންވަނީ ބުނެފައެވެ.