ބޮލީވުޑްގެ ސުޕަރ ސްޓަރ އަމީތާބް ބައްޗަންގެ ފިލްމީ ކެރިއަރަށް މިފަހަރު އިތުރުވަނީ ކުޅަދާނަ ބަތަލު، ޕްރޮޑިއުސަރ އަދި ޑައިރެކްޓަ އަޖޭ ދޭވްގަންގެ އުފެއްދުމެކެވެ.

"މޭޑޭ" ނަމުން ނަންދެވިފައިވާ މިފިލްމު ޑައިރެކްޓްކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކަށް މިހާރުވަނީ ތައްޔާރުވެފައެވެ.

7 އަހަރަށްފަހު ދެތަރިން އެކީގައި ކުޅޭ މިފިލްމުގައި އަޖޭ ފެނިގެންދަނީ ޕައިލެޓެއްގެ ރޯލުންނަމަވެސް އަމީތާބް ބައްޗަންގެ ކެރެކްޓަރ ވަނީ ސިއްރުކުރެވިފައެވެ.

ޚުދު އަޖޭ އަމިއްލައަށް އުފައްދާ، ޑައިރެކްޓުރާ "މޭޑޭ" އިން ދެން ފެނިގެންދާނެ ތަރިންތައް ހޮވުމުގެ އެންމެފަހުގެ މަރުޙަލާ އަދިދަނީ ކުރިއަށެވެ.

އަޖޭ މިވަގުތު އުޅެނީ އޭނާގެ ކުރިއަށްއޮތް ފިލްމު "ބޫޖް- ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ޝޫޓިންގގައި ވަރަށް އަވަދިނެތިއެވެ. މިއީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނުގެ މިލިޓަރީ ބޭސްތަކެއްގެ ދެމެދުގައި ކުރިއަށްދިޔަ މިލިޓަރީ ހަނގުރާމައިގެ ހާދިސާގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމީތަރި ސަންޖޭދަތާއި ސޯނާކްޝީ ސިންގހާ ފެނިގެންދާ މިފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް "މޭޑޭ" ގެ ޝޫޓިންގް އިންޑިއާގެ ހައިދަރުއާބަދުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ އިތުރުން ބޭރު ގައުމުތަކުގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސުޕަ ސްޓަރ އަމީތާބް ބައްޗަން މިވަގުތު އަވަދިނެތި އުޅެނީ ސޮނީ ޓީވީގެ ކޯން ބަނޭގާ ކްރޯޑްޕަތީ (ކޭބީސީ) ޝޯވްގެ މަސައްކަތުގައެވެ.

ޢުމުރުން 78 އަހަރު ފުރިފައިވާ އަމީތާބް ބައްޗަންގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ބްރަހްމަޝްތްރާއާއި ބަތަލާ ދީޕިކާ ޕަދުކޯންއާއި މަޝްހޫރު ފިލްމު ބާހޫބަލީގެ އެކްޓަރ ޕްރަބާސްއާ އެކީގައި ފެނިގެންދާ ފިލްމު ހިމެނެއެވެ.