މަޝްހޫރު އެކްޓަރ އަނޫޕަމް ޚޭރް އޭނާއަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ކުރެވުނު ތަފާތު ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ފޮތެއް ނެރުމަށް ނިންމައިފިއެވެ.

އަނޫޕަމް ބުނެފައިވަނީ މިފޮތުގައި އޭނާ ހިއްސާކުރާނީ ކޮވިޑް-19 ގައި އޭނާ ތަޖުރިބާކުރި އުނދަގޫ ދުވަސްތަކުގެ އިތުރުން އޭނާއަށް ދަސްވި އަގުހުރި ފިލާވަޅުތައް ކަމަށެވެ.

އޭނާ ގަބޫލުކުރާގޮތުގައި މިޕެންޑަމިކްގެ ސަބަބުން ހިތަށް ބިރުވެރިކަން ގެނެސްދިން ހިނދުކޮޅުތައް އައިނަމަވެސް، އޭނާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއްވަނީ އައިސްފައެވެ.

އޭގެތެރޭގައި މުސީބާތެއް ކުރިމަތިވާހިނދު އެކަމަކާ ކުރިމަތިލާނެގޮތާއި، ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންތައްތަކުން ޢިބްރަތްތައް ހޯދުމުގެ އިތުރަށް އަމިއްލަ މީހާއާ ކުރިމަތިވާ ގޮންޖެހުންތައް ރަގަޅުގޮތުގައި ބަލައިގަތުން ހިމެނެއެވެ.

ޓްވިޓަރ މެދުވެރިކޮށް ފޭނުންނާ ހިއްސާކުރި ވީޑިއޯއެއްގައި އަނޫޕަމް ބުނެފައިވަނީ، މިވޭތުވެދިޔަ 8 މަސް ދުވަސްތެރޭގައި ހީވެސް ނުކުރާކަހަލަ ކަންތައްތައް ތަޖުރިބާކުރެވުނު ކަމަށެވެ.

އުމުރުން 65 އަހަރުގެ ހުނަރުވެރި އެކްޓަރު ބުނެފައިވަނީ އޭނާ ގަބޫލުކުރާ ގޮތުގައި އިންޑިއާގެ 90 އިންސައްތަ މީހުންނަށް މިހާރު ދިރިއުޅުމުގެ މުޅިން އާ ފެށުމަކުން ފެށިދާނެކަމުގެ އުއްމީދުވަނީ އާވެފައެވެ.

އަނޫޕަމް ޚޭރްގެ މަންމައާއި އެއްބަޑު ބޭބެ އަދި އެކްޓަރ ރާޖޫ ޚޭރްއާއި އޭނާގެ ޢާއިލާވަނީ ޖުލައި މަހުގެތެރޭ ކޮވިޑް 19 އަށް ޕޮޒިޓިވްވެ އެބަލިން ރަގަޅުވެފައެވެ.

މިޕެންޑަމިކްގައި އިންޑިއާ ލޮކްޑައުންއަކަށް ދިޔައިރު ވަރަށް ގިނަ ފިލްމީތަރިން އެމީހުންގެ އާއިލާއަށް ވަގުތުދީ، ވަގުތު އޭގެ ރަގަޅުގޮތުގައި ބޭނުންކުރަން ދަސްވިކަމަށް އެތަރިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބުނެފައިވެއެވެ.