އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގައި ބޭއްވި ސޮއިކުރުމުގެ މިރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ.

އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ. މިމަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ހަތަރު މިލިއަން އެއްލައްކަ އެއްހާސް ތިރީސް ހަތަރު ރުފިޔާ ސަތާރަ ލާރިއަށެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ ހއ.ބާރަށް، ހއތަކަންދޫ، ހއ.މުރައިދޫ، ހދ.ކުޅުދުއްފުށި، ހދ.ނޭކުރެންދޫ، ހދ.ކުމުންދޫ، ހދ.ވައިކަރަދޫ، ށ. ފޯކައިދޫ، ށ.ކަނޑިތީމު، ނ.ހެނބަދޫ، ނ.މާޅެންދޫ، ނ.ވެލިދޫ، ނ.ކުޑަފަރި، ނ.މާފަރު، ނ.މަނަދޫ، ރ. މަޑުއްވަރީ، ރ.އުނގޫފާރު، ރ.ރަސްގެތީމު، ރ.ހުޅުދުއްފާރު، ރ.އިނގުރައިދޫ، ރ.އިންނަމާދޫ، ރ.މީދޫ، ރ. ފައިނު، ބ.އޭދަފުށި، ބ.ކަމަދޫ، ބ.ގޮއިދޫ، ޅ.ކުރެންދޫ، ކ.ހިންމަފުށި، ކ.މާފުށި، ކ.ދިއްފުށި، ވިލިމާލެ، ކ.ތުލުސްދޫއެވެ.