މާލޭ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިންތެޓިކް އެޅުމުގެ މަސައްކަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އެކުވެނި ޓްރެކްގައި ބޭއްވި މިރަސްމިއްޔާތުގައި ހަރްޝް ވަރްދަން އާއިއެކު މިނިސްޓަރ އަހްމަދު މަހްލޫފް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި، އެކުވެނި ޓްރެކާއި ގުޅޭގޮތުންނާއި އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދެއްކުން އޮތެވެ.

1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ.

އެގޮތުން އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން ގާއިމްކުރަންޖެހޭ ސަބް ބޭސްގެ މަސައްކަތް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕްގެ ފަރާތުންނެވެ.

އެކުންފުނިން އެމަސައްކަތް ފެށީ ޖުލައި 26 ވަނަ ދުވަހު ކަމަށްވާއިރު މިހާރު އެމަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ޓްރެކްގައި ސިންތެޓިކް އެޅުމަށް ހަވާލުކުރެވިފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ.

މިމަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށް ރޭވުނު ނަމަވެސް ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން މިހާރު އަމާޒުކުރެވިފައިވަނީ މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލުމަށެވެ.