މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.އާރް.އެމް.ގެ އިންތިގާލީ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު 10:15 ގައި ހޮޓެލް ޖެންގައެވެ.

މި ޒިޔާރަތުގައި އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ އެހެން ބޭފުޅުންނާ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްވެސް ބައިވެރިވެވަޑައިގަތެވެ.

ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅު ފެށްޓެވުމުގެ ކުރިން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވި ކަމަށާއި ރައީސް މައުމޫނަށް ބޮޑުވަޒީރު މޯދީގެ ހެޔޮއެދުންތައް ރައްދުކޮށް ދެއްވުމަށް އެދިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ ސިޔާސީ މުއްސަނދި ތަޖުރިބާތަކެއް ހާސިލް ކުރައްވާފައިވާ އަދި އިންޑިޔާ ސަރުކާރު އަބަދުވެސް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމުގައި ފޮރިން ސެކްރެޓަރީ ވިދާޅުވި ކަމަށް، ރައީސް މައުމޫނުގެ އޮފީހުން ބުނެއެވެ.

އަދި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން ބަދަހިވެގެން ދިޔުމުގައި އެމަނިކުފާނު ވަރަށް ބޮޑު ހިއްސާއެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް މައުމޫނުގެ ވެދުމާއި ހެޔޮ އެދިވަޑައިގަތުން ރައްދުކޮށްދެއްވުން އެދިވަޑައިގަތެވެ.

އަދި އިންޑިޔާއަކީ ރާއްޖޭގެ އަބަދުވެސް އެންމެ ގާތް ރަޙްމަތްތެރިޔާ ކަމަށާއި އަދި ރާއްޖޭގެ ތަރައްގީގައި ވެދެއްވާ ގިނަގުނަ އެހީތެރިކަމަށްޓަކައި އިންޑިޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއާމެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރި ކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ރިޔާސަތުގައި އިންޑިޔާގެ އިސްބޭފުޅުންނާ ގާތް ގުޅުމެއް ބެހެއްޓެވި ކަމަށާއި އޭގެތެރެއިން ގިނަ ބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމުގައިވެސް ރައީސް މައުމުން ވިދާޅުވިއެވެ.

އަދި މިހާރު މި ވެވޭ އެއްބަސްވުންތަކަކީ އޭގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ ފައިދާތަކެއް ކުރުވާނެ އެއްބަސްވުންތަކެއް ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ޕާޓީ އެމް.އާރް.އެމް.އަކީ މިހާރު މި އޮތް ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ކަމަށާއި، އެމް.އާރް.އެމް.އިން ރައީސް އިބްރާހީމް މުހަންމަދު ސާލިހަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މިއަދުގެ މިބައްދަލުވުން ނިންމާލައްވަމުން، ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަމަށާއި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.