ބޮލީވުޑްގައި ފިޔަޖަހަމުން އައި ޒުވާން އެކްޓަރ ސުޝާންތް ސިންގްގެ މަރާއި ގުޅިގެން މިހާތަނަށް ގިނަ ފިލްމީ ތަރިންނަށް އަންނަނީ ތަފާތު އެކިކަހަލަ މައްސަލަތަކާއި ކުރިމަތިވަމުންނެވެ.
ސުޝާންތްގެ މަރުގެ ތަހުގީގު ކުރިއަށްދާއިރު، އެތަހުގީގުގައި އެންމެ ބޮޑަށް ފެންމަތިވެފައިވަނީ ބޮލީވުޑުގެ މަޝްހޫރު ގިނަ ތަރިންތަކެއް މަސްތުވާތަކެތި ގެންގުޅުނު މައްސަލައެވެ.
އިންޑިއާގެ ނާކޮޓިސް ކޮންޓްރޯލް ބޯޑު (އެން.ސީ.ބީ) އިން ވަނީ މިމައްސަލައާއި ގުޅުންހުރި ގިނަ ފިލްމީ ތަރިންތަކެއް އެން.ސީ.ބީ އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
މިލިސްޓަށް އެންމެފަހުން އިތުރުވެފައިމިވަނީ ފިލްމީ ތަރި އަރުޖުން ރާމްޕާލްއެވެ.
ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން މިމައްސަލައާ ގުޅިގެން އަރުޖުން މިހާރު ދިރިއުޅޭ ގެ ވަނީ ބަލައި ފާސްކޮށްފައެވެ.
އަރުޖުންގެ ލޯބިވެރިޔާ އަދި މަޝްހޫރު މޮޑެލް ގެބްރިއެއްލާގެ ބޭބެގެ މައްޗަށްވެސް ވަނީ މީގެކުރިން މިމައްސަލައިގެ ތުހުމަތު ކޮށްފައެވެ.
މިމައްސަލައާ ގުޅޭގޮތުން އެން.ސީ.ބީއިން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އެންމެފަހުގެ ރިޕޯޓުތައް ބުނާގޮތުން އަރުޖުން ގެންގުޅޭ ފޯނުގެ އިތުރުން އިލެކްޓްރޯނިކް އެހެން ހުރިހާ އާލާތްތައްވެސް ވަނީ އެން.ސީ.ބީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.