މިއަދަކީ ދިވެހިރާއްޖޭގައި ޖުމްހޫރިއްޔާއެއްގެ ވެރިކަން ފެށުނުތާ 52 އަހަރުފުރޭ 53 ވަނަ ޖުމްހޫރީ ދުވަހެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސެވެ. ޖުމްހޫރީ ވެރިކަމެއް ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި އޮތީ ރަސްކަމެކެވެ.

ރާއްޖޭގެ ފުރަތަަމަ ޖުމްހުރިއްޔާގެ ފުރަތަމަ ރައީސަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެއެވެ.

މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވިއެވެ. މި ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ.

ފުރަތަމަ ޖުމްހޫރިއްޔަތުގެ ވެރިކަން ނިމިގެންދިއުމާއެކު އަނެއްކާވެސް ދިވެހިން ތާއީދުކުރީ ރަސްކަމަކަށެވެ. މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ނުހަނު ލޯތްބާއި އިހްތިރާމާއެކު ދިވެހީން އެރުވީ 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައިކަމުން ޤާނޫނީގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.

މިގޮތަށް ގިނަ ދުވަސްތަކެއް ވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަޝްވަރާތައް ފެށިގެންދިޔައެވެ. މިގޮތަށް ބޭއްވުނު ގިނަ ބައްދަލުވުން ތަކަކަށްފަހު ދިވެހިން އެދުނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހަމަޖެއްސެވުމަށެވެ. އަނެއްކާވެސް ދިވެހިންނަށް ކަމުދިޔައީ ރަސްކަމެވެ.

އެހެންކަމުން 1954 ވަނަ އަހަރުގެ މާޗް 7 ގައި އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް ރަސްކަމަށް އިސްކުރެވުނެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ ސުއްމުވުލްއަމީރު އިބްރާހީމް ނާޞިރެވެ.

ދިވެހިޜާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ މަގާމުގައި ސުއްމުވުލްއަމީރު އިބްރާހީމް ނާޞިރު 10 އަހަރު ދުވަހު ހުންނެވިއެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައެވެ. އެއަށްފަހު އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ.

އެއަށްފަހު 1978 ގައި އަލްއުސްތާޛު މައުމޫން އަބްދުލްޤަައްޔޫމްވަނީ ރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 2 ވަނަ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައި ގެންނެވިއެވެ. ރައީސް މައުމޫނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ޖުމްލަ 30 އަހަރު ދުވަހު ހުންނެވިއެވެ.

އެއަށްފަހު 2 ވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސަކަށް 28 އޮކްޓޯބަރ 2008 ގައި އިންތިޚާބު ކުރެވިގެންދިޔައީ ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް މުޙަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ޑިމޮކްރެޓިކް އުޞޫލުން އިންތިޙާބު ވެވަޑައިގެންނެވެ. ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ރައީސެވެ. އެމަނިކުފާނު ރައީސްކަމަށް އިންތިޙާބު ވެވަޑައިގެންނެވީ، އޭރު ރައީސް ކަމުގައި ހުންނެވި މައުމޫން ޢަބްދުލްޤައްޔޫމް ބަލިކުރެއްވުމަށްފަހުއެވެ.

7 ފެބްރުއަރީ 2012 ގައި، ރައީސް މުޙަންމަދު ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވުމާގުޅިގެން، ރާއްޖޭގެ 2ވަނަ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސަކަށް ވެވަޑައިގެންނެވީ ޑރ މުޙައްމަދު ވަޙީދު ހަސަންމަނިކެވެ. ޑރ މުޙައްމަދު ވަޙީދު ހަސަންމަނިކު ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 2012 އިން 2013 އަށެވެ.

އެއަށްފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު 2 ވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސަކަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހޮވިގެންނެވިއެވެ. ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރައްވައި، މަޤާމާ ޙަވާލުވެވަޑައިގަތީ 2013 ނޮވެންބަރު 17 ގައެެވެ.

ރައީސް ޔާމީނަށްފަހު ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސްކަމަށް އިންތިޚާބު ކުރެވުނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

1968 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އޮންނަ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން އިންތިހާބުކުރާ ވެރިއަކު ކުރާ ވެރިކަމެކެވެ. މިއަދު ގައުމުގެ ކަންކަން ނިމިގެންދަނީވެސް ރައްޔިތުންގެ ތާއީދާއެކު ރައްޔިތުން އެދޭ ގޮތަށެވެ. މިއީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައެވެ.