ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ހައްގުތަކެއް ހުރީ ހިފެހެއްޓިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވުމަށްފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ހައްގުތަކަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ އިތުރަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މިނިވަންކަން ކަމަށެވެ.
ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ހައްގުތަކެއް ކަމަށް ޚުދު އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ހަގީގަތް ހާމަކުރުމަށް އިސްކަންދީގެން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވެރިކަމުގެ މަގާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއްދެއްވާނެ ދެ ކަމަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން ކަމަށެވެ.