ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމު ސަރކަސްގެ ލީޑިންގް ރޯލް ކުޅުމަށް ރަންވީރު ސިންގް ސޮއިކޮށްފައެވެ.

މިއީ ކާމިޔާބު ފިލްމް ސިމްބާއަށް ފަހު ރޯހިތު ޝެޓީއާއެކު ރަންވީރު ކުޅޭ ތިންވަނަ ފިލްމެވެ.

ރަންވީރާއެކު ދެން ފިލްމު ސަރަކަސްއިން ފެނިގެންދާނެކަމަށް ބެލެވެނީ ފިލްމީ ތަރި ޕޫޖާ ހެޖް އާއި ޖެކްލީން ފެނާންޑެޒްއެވެ.

މިފިލްމުގައި ރަންވީރު ކުޅެނީ އުފަންވުމަށްފަހު ގެއްލިފައިވާ އެއްމާބަނޑު ދެމީހެއް ރޯލެވެ.

ފިލްމުގެ ޝޫޓިންގް ކުރިއަށް ގެންދިއުމަށްޓަކައި ރޯހިތުވަނީ މެހެބޫބު ސްޓޫޑިއޯގެ ވަރަށް ބޮޑުބައެއް ކުއްޔަށް ހިފާފައެވެ.

މީގެ އިތުރުން އިންޑިއާގެ ހައިދަރު އާބާދު، ގޯއާ އަދި އޫޓީގައިވެސް ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށްވަނީ ހަމަޖެހިފައެވެ.

މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނަކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފިނިމޫސުމުގައެވެ.

ރަންވީރުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ފިލްމު 83 އާއި ރޯހިތު ޝެޓީގެ ސޫރަޔަވަންޝީ ހިމެނެއެވެ.

ބޮލީވުޑުގެ އެންމެ އަގުބޮޑު އަންހެންތަރި ދީޕިކާ ޕަދުކޯންއާއި ރަންވީރު ކައިވެކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

މިދެތަރިން އެކުގައި ކުޅެފައިވާ ގޯލިޔޯންކީ ރަސްލީލާ-ރާމް ލީލާ އަދި ޕަދްމަވާތްއަކީ ގިނަ ބައެއްގެ ތަރުހީބު އެފިލްމަކަށް ލިބުނު ދެފިލްމެވެ.

ރަންވީރަކީ ބޮލީވުޑުގެ އިތުރުންވެސް އިންޑިއާގެ އެންމެ ނުފޫޒުގަދަ 50 މީހުންގެ ލިސްޓުގައި ހިމެނޭ ތަރިއެކެވެ.