ވިލާ ކޮލެޖުން ޝަރީޢާގެ 2 ފޮތަކާއި ކޮލެޖުގެ ރިސަރޗް ޑައިޖެސްޓް ލޯންޗުކޮށްފިއެވެ.

މި 3 ފޮތް ލޯންޗުކުރީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ. މި ޙަފްލާގައި ޝަރީޢާގެ 2 ފޮތް ލޯންޗު ކޮށްދެއްވީ ފޮތްތަކުގެ މުޞައްނިފް، އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާއެވެ. ވިލާ ކޮލެޖުން ލޯންޗު ކުރި ފޮތްތަކަކީ ފަސޭހަ ނެރުން - ތަރިކައަށް ވަނުން އަދި ޢާއިލާ އާއި ބެހޭ ފިޤުހު، މި ދެ ފޮތެވެ.

ފޮތްތައް ލޯންޗުކުރެއްވުމަށްފަހު ފޮތްތަކުގެ މުޞައްނިފް، އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ ދެއްކެވި ވާހަކަފުޅުގައި މިފޮތްތައް ލިޔެ ތައްޔާރުކުރުމުގައި ދިވެހިރާއްޖޭގައި ޝަރުޢީ ދާއިރާއިން އުނގެނުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުންނާއި އުނގެނެމުންދާ ދަރިވަރުންނަށް ފައިދާ ކުރާނެ ގޮތަށް ވަރަށް ބޮޑަށް ބައްލަވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިފަދައިން، މި ފޮތްތަކަކީ އެތައް ބަޔަކަށް އޭގެ ސަބަބުން ފައިދާ ކުރާނެ ފޮތްތަކެއް ކަމަށް އުންމީދު ކުރައްވާކަމަށް އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ ވިދާޅުވިއެވެ.

މިޙަފްލާގައި ވިލާ ކޮލެޖުގެ ރިސަރޗް ޑައިޖެސްޓް ނެރެދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު އެވެ. މި ފޮތް ނެރެދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ފޮތްތަކުން ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި އަދި ވިލާ ކޮލެޖުން އަބަދުވެސް ޢިލްމީ މިފަދަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސަރޗް އެންޑް އިނޮވޭޝަންގެ ޑީން އޮފް ރިސަރޗް، ޑރ. އަޙްމަދު ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދިރާސާކުރުމުގެ ޘަޤާފަތް އަދިވެސް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށާއި، މިފަދަ ރިސަރޗް ޑައިޖެސްޓަކީ، ދަރިވަރުންނާއި މިކަމަށް ޝައުޤުވެރިކަން ހުންނަ އެންމެހާ ފަރާތްތަކަށް ނުހަނު ބޭނުންތެރި، އަދި ދިރާސާކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ފަދަ ފޮތެއްކަން ފާހަގަ ކުރެއްވި އެވެ.