1100 އަށްވުރެ ގިނަ ކެނޑިޑޭޓުންނާއިއެކު އިދިކޮޅު ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ އިންތިހާބު ފަށައިފިއެވެ.

އިންތިހާބާއި ގުޅޭގޮތުން ވީނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސްޓިއަރިންގް ކޮމެޓީތަކުގެ އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1100 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަ ކުރާ ކަމަށެވެ.

މިއަދު ކުރިއަށް މިދަނީ 18 ކޮމެޓީއެއްގެ އިންތިހާބުކަމަށާއި އޭގެ ތެރޭގައި ރަށްރަށުގެ ކޮމެޓީތަކާއި މާލޭގެ 2 އަވަށެއް އަދި ވިލިމާލޭގެ އިތުރަށް ހުޅުމާލެ ހިމެނޭ ކަަމަށް ހީނާ ވިދާޅުވިއެވެ.

އިންތިހާބުގައި ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އިންތިހާބު ކުރިއަށް ނުދަނީ ކަނޑައެޅިފައިވާ އަދަދަށް ބައެއް ސަރަހައްދުތަކުން ކުރިމަތިލާފައިވާ ސަރަހައްދުތަކުގައި ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ކުރިއަށްދަނީ ވަރަށް ވާދަވެރި އިންތިހާބެއްކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ ކޮމެޓީތައް އިންތިހާބުވެގެން ދިޔުމަކީ ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިޔުމަށްޓަކައި ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށާއި އަތޮޅުތެރޭގެ ރަށްރަށުގައި އިސްކޮށް ޕާޓީގެ ކަންތައްތަކުގައި ހަރަކާތްތެރިވާނެ މީހުން ކަނޑައެޅިގެންދިޔުމުން ޕާޓީގެ ހަރަކާތްތައް ޕާޓީގެ މެމްބަރުންގެ ލަފަޔާއެކު ކުރިއަަށްގެންދަން ފަސޭހަ ވާނެ ކަމަށެވެ.

ވަރަށް ރަނގަޅަށް މިކަންކަން ކުރިއަށްގެންދެވޭނެ ނިޒާމެއް މިހާރު މި ގާއިމް ކުރެވުނީ. ކުރިއަށްއޮތްތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިތުރަށް ފުޅާވެ ވަރުގަދަވެ ރައީސް ޔާމީން މިނިވަން ކުރުމަށް އިތުރަށް ލިބިގެންދާނެ ބާރަކަށްވެގެން ދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.
ކޯލިޝަންގެ ތަރުޖަމާން ހީނާ

މި މަސައްކަތަކީ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކުރާ މަސައްކަތެއް ކަަމަށްވެސް ހީނާ ވިދާޅުވިއެވެ.