ފިލްމު ޖަބްވީ މެޓް، ކައިޕޫޗޭ އަދި ޕާޓް ލޮކްފަދަ ފިލްމުތަކުން އާއްމުންގެ މަގްބޫލުކަން ހޯދި އެކްޓަރ އާސިފް ބަސްރާ މަރުވެއްޖެއެވެ.

ބޮލީވުޑުގެ ރިޕޯޓުތައް ބުނާގޮތުން ހިމާޗަލް ޕްރަދޭޝްގެ ގެސްޓް ހައުސްއެއްގެ ތެރޭގައި އާސިފް ބަސްރާ މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

އާސިފް ބަސްރާ މަރުވެފައިވަނީ އަމިއްލައަށް ކަމަށާއި، އޭނާ މަރުވިއިރު އެއްވެސްކަހަލަ ނޯޓެއް ހަށިގަނޑު ފެނިފައިވާ ތަނުގައެއް ނެތްކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެކަމާމެދު އަދި އެއްޗެއް ނުބުނެއެވެ. އެކަން ގެންދަނީ ތަހްގީގު ކުރަމުންނެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވާގޮތުން އާސިފްގެ ހަށިގަނޑު މިވަގުތު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކުރެވިފައެވެ.

އާސިފް ބަސްރާގެ ކުއްލި މަރާއެކު ބޮލީވުޑުގެ ގިނަ ބަޔަކަށްވަނީ ސިހުމެއް ލިބިފައެވެ.

53 އަހަރުގެ މިއެކްޓަރުގެ އެންމެ ފަހުން ކުޅެފައިވަނީ މިހާރު ރިލީޒުކުރުމަށް ތައްޔާރުވަމުންދާ ފިލްމު ސޫރްޔަވަންޝީގެ ބައެކެވެ.

މިފަހަކަށް އައިސް އަމިއްލައަށް މަރުވާ މިންވަރު ބޮލީވުޑްގައި އިތުރުވަމުންދާތީ ފިލްމީތަރިންގެ އިތުރުން އެދާއިރާއާއި ގުޅުންހުރި ވަރަށް ގިނަބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.