ކޮންމެ އަހަރެއްގެވެސް 14 ނޮވެންބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން (އައި.ޑީ.އެފް) އިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ "ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން" މި ޝިއާރެވެ.

މި ޝިޢާރަކީ 2020 އަދި 2021 ގައިވެސް ބޭނުންކުރުމަށް އާއްމު ކޮށްފައިވާ ޝިޢާރެވެ. މި ޝިޢާރުގެ މަޤުޞަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރުމެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ސިއްޙީ މައްސަލައެކެވެ. ހަކުރުބަލިހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރުހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ.

ޓައިޕް 1 ޑައިބެޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. ޓައިޕް 2 ޑައިބެޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދިނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

މީގެ އިތުރުން ވެސް އައިލާގައި ހަކުރުބަލީގެ މީހުންތިބުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ. އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަޙައްމަލު ކުރަމުންދަނީ ޓައިޕް 2 ޑައިބެޓީސްއެވެ. 2019 ވަނަ އަހަރު 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ.

ދިވެހިރާއްޖޭގެ ޑިމަގްރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކި ގޮތުގައި %4 އަންހެނުން އަދި %2 ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައިވާކަމަށް ރިޕޯޓް ކޮށްފައެވެ. މީގެ ތެރެއިން %50 އަންހެނުން އަދި %40 ފިރިހެނުން ވަނީ ހަކުރުބައްޔަށް ބޭސްފަރުވާކުރާކަމަށް ރިޕޯޓްކޮށްފައެވެ.

2018ވަނަ އަހަރު ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި %3.7 މަރު ވަނީ ހަކުރުބަލީގެ ސަބަބުންނެވެ. ހަކުރުބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުން، ކަރުހިއްކާ ފެންބޮވުން، އަދަޔާޚިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ.

އެހެންކަމުން ކަސްރަތު ކުރުމާއި ސިއްޙަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާޙައުލެއް ގާއިމު ކުރުމަކީ ހަކުރުބަލީން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅު ތަކެކެވެ. މިކަން ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިޔަށް ގެންނަންޖެހޭ ބަދަލުތަކެއް ކަމުން ހަކުރުބަލީގެ ހިރާސްތަށް ކުޑަކުރުމަށް ޢާއިލާތަކަށް އެހީތެރިވެދިނުމުގައި ނަރުހުން އަދި ސިއްޙީއެހީތެރިން މުހިއްމު ދައުރެއް އަދާކުރެއެވެ.

މިއަހަރު ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެކިދުވަސްތަކަށް ބަހާލައިގެން، ތަޖުރިބާކާރުން ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތަކުގައި ހަކުރުބައްޔާބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިރޭ ހަކުރުބައްޔަށް އަހުލުވެރިކުރުމުގެ ގޮތުން އައިޖީއެމްއެޗް އާއި، ޑައިބެޓިސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާއެއް ބޭއްވުމަށް ހަމަޖެހިފައެވެ. މި ވެބިނާގައި މައުލޫމާތު ދެއްވާނެ ބޭފުޅުންގެ ތެރޭގައި ޑައިޓިޝިއެން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، ޕަބްލިކް ހެލްތް އެކްސްޕާޓުން ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި ވެބިނާގައި ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.