ގަލްފް ކުރާފްޓް ކުންފުނިން ރާއްޖޭގައި، 400 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށަން ނިންމައިފިއެވެ.

ޔޫއޭއީގެ މަޝްހޫރު ގަލްފް ކްރާފްޓް ކުންފުނިން ވަނީ އެކުންފުނީގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ފަޅެއް ތަރައްގީކުރަން ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައެެވެ.

އެގޮތުން ރާއްޖޭގައި، "ގަލްފް ލެގޫން" ގެ ނަމުގައި ފަޅެއް ތަރައްގީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސާސް އީ އާއެކު އިއްޔެ ވަނީ މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގެ ދަށުން 2023 ގެ ކުރިން މިމަޝްރޫއުގެ މަސައްކަތް ނިންމަން ވަނީ ހަމަޖެހިފައެވެ.

ތިލަފުށީގައި ހުންނަ ގަލްފް ކުރާފްޓުގެ މޯލްޑިވްސްގެ ބޯޓު ޔާޑުގައި ބޭއްވި އެއްބަސްވުމުގައި ގަލްފް ކުރާފްޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީއެވެ.

ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޑެޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަޙްމަދުއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަލްފް ކްރާފްޓުގެ ޗެއާމަން އަލްޝާލީ ވިދާޅުވީ މިމަޝްރޫއާއެކު ގިނަ ދިވެހިންނަކަށް މީގެން ފައިދާތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށެވެ.

ގަލްފަ ކަރާފްޓްއިން ރާއްޖޭގައި ހިދުމަތްދޭތާ މިހާރު 20 އަހަރު ވެއްޖެކަމަށާއި، މިމަޝްރޫއާއެކު ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް އަލްޝާލީ ވިދާޅުވިއެވެ.

މީގެއިތުރުން މިމަސައްކަތް މިހާ ހިސާބަށް ގެނައުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބެން ގޮސްފައިވާކަން ފަހަގަކުރައްވާ އޭނަ ވަނީ އެހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވފައެވެ.

މިމަޝްރޫއުގެ ދަށުން ހިއްކާ ރަށްތަކުގައި ބޯޓު ބަނުމަށް ގަލްފް ކްރާފްޓުގެ ފެކްޓްރީއެއް ހެދުމާއި ސަފާރީ އަދި ޔޮޓުތަކަށް ހާއްސަ ޔޮޓު މެރީނާއެއް ތަރައްގީކުރުމާއި މެރީޓައިމް ސްކޫލެއްގެ އިތުރުން ޓޫރިސްޓުންނަށް އަމާޒްކޮށްގެން މަތީފަންތީގެ ރިސޯޓެއްވެސް މިތަނުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.