މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވެލް ޓްރޭޑް ފެއަރއެވެ. މިފެއަރ ކުރިއަށްދާނީ މިމަހުގެ 24 އިން 26 ގެ ނިޔަލަށެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު އުރީދޫގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް އެކްޒެކިއުޓިވް އޮފިސަރ ހުސައިން ނިޔާޒްއެވެ.

އޯރކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

މިއެއްބަސްވުމާއެކު އުރީދޫ އިން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެއެވެ.

އުރީދޫއިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޑެސްޓިނޭޝަން މާކެޓިންގ ކެންޕެއިނެއްވެސް ލޯންޗްކޮށްފައެވެ.

މި ކެންޕެއިންގެ ތެރެއިން އުރީދޫގެ އަމާޒަކީ ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނާއި ހަމައަށް ވާސިލްވެ ރާއްޖެ ޕްރޮމޯޓް ކުރުންކަމަށް އެކުންފުނިން ބުނެއެވެ.

ޓީޓީއެމް ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވެއެެވެ. މިއީ ޓީޓީއެމް މޯލްޑިވްސް ބާއްވާ 4 ވަނަ ފަހަރެވެ.

ޓީޓީއެމްގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީއެމް ޓްރެވެލް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ޓީޓީއެމްގެ މެގަޒިންގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިނގިރޭސިބަހުން ނެރޭ ޓީޓީއެމް މެގަޒިންއަކީ ބައިނަލްއަގްވާމީ އެކި ފެއަރތަކުގައިވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް ބަހާ މެގަޒިންއެކެވެ.

މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، ޓީޓީއެމް މޯލްޑިވްސް ބާއްވަން ނިންމަފައިވަނީ މިމަހުގެ 25 އިން 26 އަށެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯރކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯރކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ.