ތިން ރަށެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އަންނަ އަހަރަށް ރާވާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވައުއެއްގައެވެ.

މިނިސްޓަރ ނަހުލާ ވަނީ ރާއްޖޭގެ ކޮންމެ ރަށަކުން ފުރައިގެން 30 މިނެޓުގެ ތެރޭގައި އެއާޕޯޓަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މިސަރުކާރުގެ ތަސައްވުމެއްކަން ފާހަގަ ކުރައްވާފައެވެ.

މި ތަސައްވަރު ހާސިލްކުރުމަށް އަންނަ އަހަރަށްވެސް އެއާޕޯޓު އެޅުމުގެ މަސައްކަތްތަކެއް ރާވާފައިވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އެގޮތުން އަންނަ އަހަރުގެ ތެރޭގައި ށ. ބިލެއްފަހި، މ. މުލި އަދި ބ. ތުޅާދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ މުލީގައި އަޅާ އެއާޕޯޓާއެކު 30 މިނެޓުން ދަތުރުކުރުމަށްފަހު އެއާޕޯޓަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މިސަރުކާުން ވެފައިވާ ވައުދު ފުއްދޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިމަސައްކަތްތައް ކުރިއަށްދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

އަންނަ އަހަރު ތިން އެއާޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު، މިއަހަރުގެ މިހާތަނަށް ދެ އެއާޕޯޓެއްގެ މަސައްކަތް ނިންމައި، ދަތުރުތައް ވަނީ ފަށާފައެވެ. އެއީ ށ. ފުނަދޫ އެއާޕޯޓާއި، ނ. މާފަރު އެއާޕޯޓެވެ.

އަދި އަންނަ އަންގާރަ ދުވަހު ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ވަނީ ނިންމާފައެވެ.

ހޯރަފުށީ އެއާޕޯޓުގައި 37،425 އަކަ މީޓަރުގެ ރަންވޭއަކާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއްގެ އިތުރުން ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑެއް ވަނީ ގާއިމްކޮށްފައެވެ. އަދި ފަސިންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގއެއްވެސް ވަނީ ގާއިމްކޮށްފައެވެ.