އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ އަންނަ ހަފްތާގައި އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހަދާފައިވާ ޔަހޫދީ އާބާދީއަކަށް ޒިޔާރަތް ކުރެއްވުމަކީ ވަރަށް ނުރައްކާތެރި ނިންމުމެއް ކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާހް ވިދާޅުވީ، އދއާއި ބައިނަލްއަގްވާމީ މުޖުތަމައުން ޣައިރުގާނޫނީ އާބާދީތަކެއް ކަމަށް ކަނޑައަޅާފައި ވަނިކޮށް އެމެރިކާގެ ޚާރިޖީ ވަޒީރު އެތަންތަނަށް ޒިޔާރަތް ކުރެއްވުމަކީ ނުރައްކާތެރި ކަންތައްތަކަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވެވަޑައިގަންނަވާނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީއަކަށް ޒިޔާރަތް ކުރައްވާ އެމެރިކާގެ ފުރަތަމަ ޚާރިޖީ ވަޒީރަށެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު ވިދާޅުވީ، ޕޮމްޕޭ ޔަހޫދީ އާބާދީއަށް ޒިޔާރަތް ކުރެއްވުމަކީ، އެ ތަންތަނަކީ ސައްހަ ތަންތަނަށް ހެދުމަށް މަގުފަހިކުރުމުގެ ފިޔަވަޅެއް ކަމަށް ބެލެވިދާނެ ކަމަށާއި، ނަމަވެސް، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ނުރައްކާތެރި ކަމެއް ކަމަށެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާހް:

އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ އިސްރާއީލަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހު ކަމަށެވެ.

ޕޮމްޕޭގެ މި ދަތުރުފުޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން، އިސްރާއީލުގެ އެހެން އޮފިޝަލުންނާވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާއިން ބުނެފައި ވެއެވެ.

ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓުން ޕޮމްޕޭގެ ދަތުރުފުޅުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މިހަފްތާގެ ކުރީކޮޅު ހަމައެކަނި ބުނެފައިވަނީ، ޕޮމްޕޭ އަންނަ ހަފްތާގައި އިސްރާއީލަށް ވަޑައިގަންނަވާނެ ކަމަށާއި، ނަތަންޔާހޫއާވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

ޕޮމްޕޭގެ މިދަތުރުފުޅަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އިސްރާއީލާމެދު އެމެރިކާއިން ގެންގުޅުނު ސިޔާސަތުތަކަށް ގެނެވުނު ބޮޑެތި ބަދަލުތައް ހައިލައިޓްކުރުން ކަމަށް، އިސްރާއީލުގެ ނޫސްތަކުން ބުނެފައި ވެއެވެ.

ޕޮމްޕޭ އިސްރާއީލަށް މިވަޑައިގަންނަވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އަބާދީތައް ހަދާފައިވާ އެއްވެސް ބިމަކީ ޣައިރުގާނޫނީ ބިންތަކެއް ކަމަށް އެމެރިކާއިން ނުދެކޭކަމަށް ކަނޑައެޅިތާ ބަރާބަރު އެއްއަހަރު ފުރޭ ދުވަހުއެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދާފައިވާ ބިންތައް އިސްރާއީލުގެ އަމިއްލަ ބިންތަކެއްގެ ގޮތުގައި އެމެރިކާއިން ގަބޫލުކުރާ ކަމަށް ކަނޑައަޅާފައިވަނީ ޓްރަމްޕް އިޢުލާން ކުރެއްވި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައެވެ.

އެކަމަކު، މިއީ އދގެ ސަލާމަތީ މަޖިލީހުން ޔަހޫދީ އާބާދީތަކުގެ މައްސަލާގައި ފާސްކޮށްފައިވާ ގަރާރުތަކާ ދިމާ އިދިކޮޅު ނިންމުމެކެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 2.8 މިލިއަން މީހުން ދިރިއުޅޭއިރު، އިސްރާއީލުންވަނީ އެކި ހިސާބުތަކުގައި ޔަހޫދީ އާބާދީތައް ހަދައި، 450،000 ޔަހޫދީން އެތަންތަނުގައި ވަޒަންވެރި ކޮށްފައެވެ.

އިސްރާއީލުން ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 ގައި ކުރި ހަނގުރާމަގައެވެ.

އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމަށް ބާކީ ދެމަހެއްހާ ދުވަސް އޮއްވާ، ވެރިކަމުގެ ފަހު ވަގުތުކޮޅުވެސް ޓްރަމްޕާއި، އޭނާގެ ވެރިކަމުގެ ފަރާތުން މެދުއިރުމަތީގެ މައްސަލަ އިތުރަށް ގޯސްކުރަން މަސައްކަތް ކުރަނީ ކަމަށް ބުނެ ފަލަސްތީނުގެ އެކި ޖަމާއަތްތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން އެބަގެންދެއެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ކުރީގެ ޑިޕްލޮމޭޓެއް ކަމަށްވާ އާރޮން ޑޭވިޑް މިލަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މިދަނޑިވަޅުގައި އިސްރާއީލަށް ވަޑައިގަތުމުގައި ޑޮނަލްޑް ޓްރަމްޕާއި އަދި ނަޔަންޔާހޫގެ ސިޔާސީ ކަމަކަމާ ގުޅުމެއް ނެތްކަމަށެވެ.

މިއީ، 2024 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މައިކް ޕޮމްޕޭ ޝައުގުވެރިވާތީ އެކަމާ ގުޅުންހުރި ދަތުރުފުޅެއް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޕޮމްޕޭވަނީ އިސްރާއީލަށް އަބަދުވެސް އޭނާގެ ތާއީދު އޮންނާނެކަން ހާމަކުރައްވާފައެވެ. އެމެރިކާގެ ޔަހޫދީންގެ ތާއީދު ރިޕަބްލިކަން ޕާޓީއަށް ވަރަށްބޮޑަށް އޮވެއެވެ.

މައިކް ޕޮމްޕޭ ޔޫރަޕާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދުވަނީ ފަރަންސޭސިވިލާތަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގައި، ސައުދީ އަރަބިއްޔާ، ޔޫއޭއީއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.