ރާއްޖޭގެ ކޮންމެ ކައުންސިލަކަށްވެސް ފާރަވެރިވުމުގެ ގޮތުން އަންނަ އަހަރު، މީހަކު ލާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވިދާޅުވީ މައުލޫމާތު ހާމަ ކުރަން ގިނަ މަސައްކަތްތަކެއް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. އެމަސައްކަތް އިތުރުކޮށް ފުޅާކޮށް، ދެން އަންނަ ކައުންސިލްތަކަށް ފާރަވެރިވާނެ މީހުން ކޮންމެ ކައުންސިލަކަށް އުފައްދަން ނިންމާފައިވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

އެކަމަށް ބޭނުން ވާނެ ހަރަކާތްތެރިން ހޯދުމުގެ ތަމްރީން ޕްރޮގްރާމެއް އަންނަ މަހު ފަށަން ނިންމާފައިވާކަމަށާއި، މިއީ އާރްޓީއައި އެކްޓިވިސްޓުންކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ. އަދި މިކަމުގައި މިހާތަނަށް 50 ބޭފުޅަކު ބައިވެރިވެއްޖެކަމަށާއި، އެކޮމިޝަނުގެ އަމާޒަކީ ކޮންމެ ރަށަކަށް މީގެ މީހަކު ހަމަޖެއްސުން ކަމަށް ވިދަޅުވިއެވެ.

ފިޔާޒު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އެ ކޮމިޝަނުން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ލިބިފައިވާ ކަމަށް ދައްކަނީ 701 ރިޕޯޓު ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ކޮމިޝަންގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 530 ރިޕޯޓެއް ހޯދާފައިވާނެ ކަމަަށާ، މިހާރު އެވްރެޖު ގޮތެއްގައި 19 ދުވަހުން މައްސަލައެއް ނިންމަމުންދާ ކަމަށެވެ.

ފިޔާޒް ވަނީ ބަޖެޓް ކުޑަވެގެން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި އެ އޮފީހުން ނޭވާލާނެ ވަރު ވެސް ނެތްކަން ފާހަގަކުރައްވާ ވިދާޅުވީ ހަރަދުކުޑަކުރުމަށް ދެ މަގާމެއް އުވާލާއި އޮފީސް ހިންގުމުގެ ހަރަދުތައްވެސް ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި އެ އޮފީހުން ކުރާ މަސައްކަތުން އެތައް ފައިސާއެއް ސަލާމަތްކުރެވޭނެކަމަށްވެސް ވިދާޅުވި އެވެ.

އަންނަ އަހަރަށް އިންފޮމޭޝަން ކޮމިޝަނަށް ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ދީފަ އެވެ.