މިދިޔަ އޯގަސްޓްމަހުގެ ތެރޭ ކެންސަރު ބަލީގެ ޝިކާރައަށްވެ މިހާރު އެބަލިން ރަނގަޅުވުމަށްފަހު ފިލްމީތަރި ސަންޖޭދަތު ފިލްމީ މަސައްކަތަށް ނިކުމެއްޖެއެވެ.

އޭނާވަނީ ކުރިއަށްއޮތް ފިލްމު ކޭ.ޖީ.އެފް 2 ގެ ޝޫޓިންގ ފެށުމަށް ވާންޖެހޭ ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ފިލްމުގައި ސަންޖޭދަތު ކުޅެން ހަމަޖެހިފައިވާ އެކްޝަން ސީންތައް ތަންކޮޅެއް ފަހުން ނެގުމަށް ފިލްމުގެ ޓީމުން ސަންޖޭދަތަށް ވަނީ ލަފާދީފައެވެ.

އެހެންނަމަވެސް އެއްވެސް ބްރޭކެއް ނުނަގާ ޝޫޓިންގ ކުރިއަށް ގެންދިއުމަށް ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލުވަނީ ނިންމާފައެވެ.

މިފިލްމުގެ ލީޑް ރޯލްއިން ފެނިގެންދާ ކަންނާޑާގެ ސުޕަސްޓަރ ޔޭޝް ބުނެފައިވަނީ ސަންޖޭދަތުގެ ފަރާތުން ފެންނަ ހިތްވަރާއި ކުޅަދާނަ އެކްޓިންގ، އެހެން އެއްވެސް ފިލްމީ ތަރިއެއްގެ ފަރާތުން އޭނާ ނުދެކޭ ކަމަށެވެ.

ކޭ.ޖީ.އެފްގެ ފުރަތަމަ ބައިގެ ކާމިޔާބަށްފަހު މިފިލްމުގެ ދެވަނަ ބަޔަކީ ބެލުންތެރިންގެ ގިނަބަޔަކު މިހާރު އެންމެ ބޮޑަށް އެފިލްމަކަށް އިންތިޒާރުކުރާ އެއް ފިލްމެވެ.

ކުރިން މިފިލްމުގެ ދެވަނަ ބައި އަންނަ އަހަރުގެ ޖެނުއަރީމަހު ރިލީޒުކުރުމަށް ހަމަޖެހިފައި ވީނަމަވެސް މިހާރު މިފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަދި ނުނިންމައެވެ.

ފިލްމުގެ މަސައްކަތް އެއްކޮށް ނިންމުމުގެ މަސައްކަތުގައި ކްރޫ އަވަދިނެތި އުޅޭއިރު ބޮޑަށް ލަފާކުރެވެނީ މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ އިންޑިއާގެ ސިނަމާތައް އާއްމުންނަށް ހުޅުވާލުމުންނެވެ.