ވައިޓްހައުސްއިން ނުކުމެވަޑައި ގެންފާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައިފިއެވެ.

ޓްރަމްޕް މިކަމަށް އިޝާރާތް ކުރެއްވީ ވައިޓްހައުސްގައި ބޭއްވި ހަފްލާއެއްގެ ތެރޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، ޖެނުއަރީ 20 ގެ ފަހުން ވައިޓްހައުސްގައި ހުންނަވާނެ ބޭފުޅަކު "ވަގުތުއައިސް ޖެހުމުން އެނގޭނެ" ކަމަށެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އެމެރިކާގެ ކޮވިޑްބަލީގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"މިސަރުކާރަކުން ލޮކްޑައުންއަކަށް ނުދާނެ. އުންމީދުކުރަނީ .....، ކުރިއަށްއޮތް ތާނގައި ކޮންމެގޮތެއް ވިޔަސް، ކާކަށް އެނގޭނީ ވެރިކަމުގައި ތިބޭނީ ކޮންބައެއްކަން؟ އަޅުގަނޑަށް ހީވަނީ ވަގުތުއައިސް ޖެހުމުން އެނގޭނެހެން" ޑޮނަލްޑް ޓްރަމްޕް

ސީދާ ވިދާޅުނުވި ނަމަވެސް، މި އިބާރާތްކޮޅުން، ޖެނުއަރީމަހު ވައިޓްހައުސްއިން ނުކުމެވަޑައި ގަންނަވަން ޖެހިދާނެކަމަށް ޓްރަމްޕްވެސް މިހާރު ގަބޫލުކުރައްވާކަމަށް މާނަކުރެވޭ ކަމަށް މީޑިއާއިން ބުނެއެވެ.

މުރާސިލުން ބުނަނީ، ޓްރަމްޕްގެ ވާހަކަތައް ހުރިގޮތުން، ރިޔާސީ އިތުރު ދައުރެއް ލިބުމާމެދު ޚުދު އޭނާއަށްވެސް މިހާރު ޝައްކެވެ.

ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވަން ރައީސް ޓްރަމްޕް އަދިވެސް ދެކޮޅު ހައްދަވަމުން ގެންދަވާއިރު، ޓްރަމްޕް ކެމްޕެއިންގެ ފަރާތުން ސްޓޭޓްތަކުގެ ކޯޓުތަކަށް ހުށަހަޅަމުންދާ މައްސަލަތަކުން އެއްވެސް ކުރިއެރުމެއް ލިބޭގޮތްވަނީ ނުވެފައެވެ. އުންމީދެއްވެސް ލިބޭގޮތް ނުވެއެވެ.

ނުވިތާކަށް، ޖޯ ބައިޑެން ރިޔާސީ އިންތިޚާބުގެ ކާމިޔާބީ އިއްޔެވަނީ އިތުރަށް ވަރުގަދަ ކުރައްވާފައެވެ.

ޖޯޖިއާގެ ވޯޓު ގުނައި ނިމުމާއެކު، އެޑިސަން ރިސާޗުންވަނީ ޖޯޖިއާ ކާމިޔާބު ކުރެއްވީ ޖޯ ބައިޑެންކަމަށް ޕްރޮޖެކްޓް ކޮށްފައެވެ. މާނައަކީ ޖޯ ބައިޑެންއަށް 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހަމަވުމެވެ. މިއީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 270 ވޯޓަށްވުރެންވެސް އިތުރު އަދަދެކެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތާ ގުޅިގެން، ޓްރަމްޕާ އެއްބައިވަންތަކަން ހާމަކޮށް ޓްރަމްޕަށް ތާއީދުކުރާ އެތައްހާސް ސަޕޯޓަރުން ވެރިރަށް ވޮޝިންޓަންގެ މަގުތަކަށް ހޮނިހިރު ދުވަހުވަނީ ޖަމާވެފައެވެ. އެއީ، މިލިއަން މާޗް ޝިއާރުގެ ދަށުންނެވެ.

މީހުން އެންމެ ބޯވިވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މޮޓޮކޭޑުގައި އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެވެ. އަދި އެންމެންނަށް ފެންނާނޭހެން ވަށައިގެން ބުރެއް ޖައްސަވާލެއްވުމަށްފަހު ޓްރަމްޕް މޮޓޮކޭޑުގައި ވަޑައިގެންނެވީ ވަރޖިނިއާއަށް ގޮލްފް ކުޅުއްވުމަށެވެ.

ޓްރަމްޕް މޮޓޮކޭޑުގައި ސަޕޯޓަރުންގެ ތެރޭގައި ދުއްވަމުން ގެންދެވި ވަގުތު، ސަޕޯޓަރުން އެއް އަޑަކުން ގޮވަމުންދިޔައީ "ޔޫއެސްއޭ! ޔޫއެސްއޭ!، އަހަރެމެން ބޭނުމީ ޓްރަމްޕް! އަހަރެމެން ބޭނުމީ ޓްރަމްޕް!، އިތުރު ހަތަރު އަހަރު! އިތުރު ހަތަރު އަހަރު!" މިހެންނެވެ.