ރޫމޭނިއާގައި ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާންރޯވެ، 10 ބަލިމީހުން ފިހިގެން މަރުވެއްޖެއެވެ.

ރޫމޭނިއާގެ ޕިއަޓްރާ ނިއާމްޓް ސިޓީގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލް، "ޕިއާޓްރާ ނިއާމްޓް ރީޖަނަލް އިމަޖެންސީ ހޮސްޕިޓަލް" ގައި އަލިފާން ރޯވި އައިސީޔޫއަކީ ކޮވިޑް ބަލިމީހުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔުނިޓެއް ކަމަށް، އެ ސިޓީގެ އިމަޖެންސީ ސިޗުއޭޝަންސް އިންސްޕެކްޓޮރޭޓުގެ ތަރުޖަމާނު އައިރީނާ ޕޯޕާ ވިދާޅުވިއެވެ.

އައިސީޔޫގައި އަލިފާން ރޯވިއިރު، އެތަނުގައި ކޮވިޑްބަލީގެ 16 މީހަކަށް ފަރުވާދެމުން ގެންދިޔައީ ވެންޓިލޭޓަރުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

މިހާދިސާގައި 10 މީހުން ފިހިގެން މަރުވިއިރު، އިތުރު 7 މީހަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށްވެސް، ރޫމޭނިއާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ރޫމޭނިއާގެ ހެލްތު މިނިސްޓަރ ނީލޫ ޓަޓާރޫ ވިދާޅުވީ، އައިސީޔޫގައި އަލިފާން ރޯވީ ޝޯޓްސާކިޓެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ރޫމޭނިއާގެ މީޑިއާއިން ބުނެފައިވަނީ "ޕިއާޓްރާ ނިއާމްޓް ރީޖަނަލް އިމަޖެންސީ ހޮސްޕިޓަލް" އަކީ މީގެކުރިންވެސް ހިންގުމުގެ ފެންވަރު ވަރަށް ދަށް ހޮސްޕިޓަލެއް ކަމަށެވެ. އެތަނަށް މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ސަރުކާރުން 8 މެނޭޖަރުން އައްޔަންކުރި ކަމަށް މީޑިއާއިން ބުނެއެވެ.

އެންމެފަހުން ލޫސިއާން މިކޫ ނަމަކަށްކިޔާ މީހަކު އައްޔަންކުރިތާ ތިންހަފްތާވެސް ނުވާ ކަމަށާއި، އޭގެކުރިން ހުރި މެނޭޖަރު އިސްތިއުފާ ދިނީ، ކޮވިޑް ކޮބަލިމީހުންނަށް ފަރުވާދިނުމުގައި ހޮސްޕިޓަލުގެ ފެންވަރު ދަށްވެ އާންމުންގެ ޝަކުވާ ބޮޑުވުމުން ކަމަށް މީޑިއާއިން ބުނެއެވެ.

މިހާރުގެ މެނޭޖަރު ލޫސިއާން މިކޫ ވިދާޅުވީ، އައިސީޔޫގައި ޑިއުޓީގައި ހުންނެވި ޑޮކްޓަރު، ބަލިމީހުން އަލިފާނުން ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމުގެ ތެރޭގައި ޑޮކްޓަރުގެ ހަށިގަނޑުގެ 80 އިންސައްތަ ފިހިފައިވާ ކަމަށްވެސް މިކޫ ވިދާޅުވިއެވެ.