ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްކުރަން މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މަޝްރޫއުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހުއެވެ.

މިމަޝްރޫއުތަކުގެ ތެރޭގައި 15 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އަދި 5 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްތެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއުތަކަކީ:

 • އއ. ފެރިދޫ ފެނާއި ނަރުދަމާ: 69,325,662.41 ރުފިޔާ
 • އއ. ހިމަންދޫގެ ފެނާއި ނަރުދަމާ: 65,834,544.82 ރުފިޔާ
 • ބ. ކަމަދޫގެ ފެނާއި ނަރުދަމާ: 56,662,399.46 ރުފިޔާ
 • ބ. މާޅޮހުގެ ފެނާއި ނަރުދަމާ 60,448,081.38 ރުފިޔާ
 • ހއ. މާރަންދޫގެ ފެނާއި ނަރުދަމާ 72,808,185.71 ރުފިޔާ
 • ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ: 76,745,355.54 ރުފިޔާ
 • ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ: 78,920,432.80 ރުފިޔާ
 • ހދ ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69,140,251.05 ރުފިޔާ
 • ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ: 102,170,029.15 ރުފިޔާ
 • ށ. ގޮއިދޫގެ ފެނާއި ނަރުދަމާ: 86,048,775.52 ރުފިޔާ
 • ނ. މާފަރުގެ ފެނާއި ނަރުދަމާ: 94,416,435.25 ރުފިޔާ
 • ނ. ފޮއްދޫގެ ފެނާއި ނަރުދަމާ 58,147,625.89 ރުފިޔާ
 • ރ. ފައިނުގެ ފެނާއި ނަރުދަމާ: 63,344,370.14 ރުފިޔާ
 • ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ 80,082,362.13 ރުފިޔާ
 • އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ: 45,122,815.45 ރުފިޔާ
 • އއ. މަތިވެރީގެ ފެނުގެ ނިޒާމް: 38,829,270.78 ރުފިޔާ
 • ހއ. މުރައިދޫގެ ފެނުގެ ނިޒާމް: 46,850,266.20 ރުފިޔާ
 • ށ. ފީވަކުގެ ފެނުގެ ނިޒާމް: 49,603,418.19 ރުފިޔާ
 • ނ. ހެނބަދޫގެ ފެނުގެ ނިޒާމް 41,30,972.02 ރުފިޔާ
 • ރ. އިންނަމާދޫގެ ފެނުގެ ނިޒާމް: 50,771,305.44 ރުފިޔާ

މި މަޝްރޫއުތަކަށް މުޅިއެކު 1،306،632،559.32 ރުފިޔާ އަރައެވެ.

މި މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރެެއްވުމަށްފަހު ދެއްކެވި ވާހަކަގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވިދާޅުވީ، މި މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 4 އަހަރު ދުވަހުން ފައިސާ ދައްކާ ނިންމާ ގޮތަށް ކަމަށެވެ.

މި މަޝްރޫއުތަކުގެ ޑިޒައިން މަސައްކަތްތައް ނިންމާފައިވަނީ 2019 އަދި 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކަމަށާއި މިހާރު ކުރިއަށްދަނީ މި މަޝްރޫއުތަކުގެ އީއައިއޭ މަސައްކަތް ކަމަށް ޝާނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިޑް ފަންޑުގެ ދަށުން ބ. ކެންދޫ، ގދ. ފިޔޯރި، ގދ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި، ބ. ދަރަވަންދޫގެ ނަރުދަމާގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ. މިމަޝްރޫއަށް މުޅިއެކު 216،711،186.42 ރުފިޔާ ހަރަދުވެއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބަޔަކާ ހަވާލުކުރާއިރު، ގައުމުތެރޭގައި ފައިސާ ދައުރުކުރެވޭނެ ގޮތަކަށް ބަލައި، އެކަމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން މި މަސައްކަތް ހަވާލުކުރާނީ ލޯކަލް ކޮންޓްރެކްޓަރުންނާ ކަމަށް ޝާހު ވިދާޅުވިއެވެ.

ލޯކަލް ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލުކުރަން އަޅުގަނޑުމެންގެ ވިސްނުން އެބަހުރި އެކި ގޮތްގޮތަށް. އެއްގޮތަކީ އަޅުގަނޑުމެން އެމްޑަބްލިއުއެސްސީން ޓެންޑަރއަށް ހުޅުވާލާނަން މެޝިނަރީސް އިކުއިޕްމެންޓް އެންޑް ލޭބަރ ކޮންޓްރެކްޓުގެ ގޮތުގައި ކުރިމަތިލުމަށް. އެގޮތަށް ހުށަހަޅާލާފަ ދެން އެމްޑަބްލިއުއެސްސީގައި އޮންނަ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން މާކްސް ދޭ އުސޫލެއްގެ ގޮތުން މާކްސް ދީގެން އެންމެ ރަނގަޅު ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކުރެވިދާނެ. އެއީ އެއްގޮތް އަޅުގަނޑުމެން ރާވާފައި އޮތް. އަނެއް ގޮތަކީ އެމްޑަބްލިއުއެސްސީން ކޮންމެ ރަށަކަށް ދެ ސްޓާފުން ޓްރެއިން ކޮށްފަ އެ ޓްރެއިން ކުރާ ދެ ސްޓާފުންގެ ބެލުމުގެ ދަށުން އެ ރަށަކުން ދުވަހު މުސާރައަށް މުވައްޒަފުން ނަގައިގެން މަސައްކަތް ކުރިއަށްގެންދިއުން.
ހަސަން ޝާހު

މިއަދު އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން 20 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 33 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަދި އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.