"ގައުމުގެ ދުލުން" މިނަމުގައި ގައުމީ ލަވަ މުބާރާތެއް ބޭއްވުމަށް ވީމީޑިއާ އާއި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ (އެމްއެމްއޭސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ލަވަމުބާރާތަކީ މިއަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަަމަންޓް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އެހީތެރިކަމާއެކު ވީޓީވީއާއި އެމްއެމްއޭސީން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ލަވަކިއުމުގެ މުބާރާތެކެވެ.

މިކަމާގުޅޭ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ވީމީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީނެވެ. އެމްއެމްއޭސީގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރުގެ ޗެއަރމަން އަލީ އަބްދުލްކަރީމްއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަލީ އަބްދުލްކަރީމް ވިދާޅުވީ، މި މުބާރާތުގެ މަގްސަދަކީ ގައުމީ ރޫހު އާލާކޮށް ދިރުވުން ކަމަށާއި ނެތިގެންދާ ގައުމީ ކަންކަން ލަވަތަކުގެ ސިފައިގައި އާލާކޮށް ދިރުވުން ކަމަށެވެ.

"މި މުބާރާތް ބޭއްވެނީ ޔޫތު މިނިސްޓްރީ އަދި ހެރިޓޭޖް މިނިސްޓްރީގެ އެއްބާރުލުމާއެކު. ޓާގެޓްކުރީ 50 ބައިވެރިންނަށް. އެހެންނަމަވެސް ބޮޑު އޮޑިޝަނެއްގެ ތެރެއިން ފިލްޓަރވެގެން ބާއްވާ މުބާރާތަކަށްވުމުން އެއްކޮށް 50 ކުދިންގެ ކޮންޓެންޓް އެއަރ ނުކުރެވިދާނެ ކަމުގެ ފުރުސަތު އެބައޮތް. ވާޗުއަލްކޮށް ފޮނުވި ބައެއް ލަވަތައް އަޅުގަނޑުމެން ބަލާ މިންގަނޑަށް ނުފެތި އެބަހުރި. ޔަގީންކަން އެބައޮތް 48 ބައިވެރިންގެ ހުށަހެޅުން އޮންއެއަރ ކުރެވޭނެ ކަމަށް"
އަލީ އަބްދުލްކަރީމް

ވީމީޑިއަކީ ފަންނާނުން ކުރިއެރުވުމަށްޓަަކައި ވަރަށް ގިނަ މަސައްކަތްކުރާ ތަނެއްކަން ފާހަގަކޮށް އަލީ ވިދާޅުވީ، މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ވީމީޑިއާ އިޚްތިޔާރުކުރީ މިފަދަ ކޮންމެ ކަމަކަށް އެއްބާރުލުން އަބަދުވެސް ލިބޭތީ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީމީޑިއާގެ އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީން ވަނީ ވީޓީވީއާއެކު މިފަދަ މުބާރާތެއް ބޭއްވުމަށް އެމްއެމްސީއޭއިން ފުރުސަތު ދެއްވިކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ވީޓީވީއަކީ އަބަދުވެސް ފަންނާނުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޗެނަލެއް ކަމަށާއި ކޮވިޑުގެ މިހާލަތުގައިވެސް ލަވަ މުބާރާތުގެ ކަންކަން ވީއެންމެ ފުރިހަމަ ގޮތެއްގައި ގެނެސްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.

"މި މުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހެދޭތޯ ވީޓީވީން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެމުންގެންދާނަން. އަންނަ އަހަރަށްވެސް ގިނަ މުބާރާތްތަކެއް ރޭވިފަ އެބަހުރި އެމްއެމްސީއޭ އާއެކު. އިރާދަކުރެއްވިއްޔާ ގިނަ މުބާރާތްތަކެއް ދެބައި މީހުން ގުޅިގެން ބެލުންތެރިންނާއި ހަަމައަށް ގެނެސްދޭނަން."
އެކްޓިންގ ސީއޯއޯ މުހައްމަދު ޒަހީން

6 އުމުރު ފުރާއަކަށް ބަހާލައިގެން ބާއްވާ ގައުމީ ލަވަކިއުމުގެ މިމުބާރާތުގެ އުމުރުފުރާ ބެހެގެންވަނީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި އަދި 16 އަހަރުން ދަށާއި، 18 އަހަރުން ދަށާއި 18 އަހަރާއި 35 އަހަރުން މައްޗަށެވެ.