އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވެރިރަށް ވޮޝިންޓަންގެ މަގުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައިފިއެވެ.

އެގޮތުން ތަންތަނަށް ގެއްލުންދިނުމާއި، އެމީހުންނާ އިދިކޮޅަށް މަގުތަކަށް ނުކުތް ބައެއް މީހުންގެ ގައިގައި ތަޅައި އަނިޔާވެސް ކޮށްފައި ވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންވަނީ ގާތްގަނޑަކަށް 20 މީހަކު ހައްޔަރުކޮށްފައެވެ.

ވޮޝިންޓަންގެ އިތުރުން، އެމެރިކާގެ އެހެން ބައެއް ސިޓީތަކުގެ މަގުތަކަށްވެސް ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ނުކުމެ މުޒާހަރާކޮށްފައި ވެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އަޑުއުފުލަމުން ގެންދަނީ، ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޖޯ ބައިޑެންއަށް ލިބުނު ކާމިޔާބީ ގަބޫލު ނުކުރާ ކަމަށް ބުނެއެވެ.

މަގުތަކަށް ނުކުތްމީހުން ވަނީ، ވޯޓު ވަގަށްނެގުން ހުއްޓުވުމަށާއި، ހުރިހާ ވޯޓެއް ގުނުމަށް ގޮވާލައި އަޑުއުފުލާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕެކޭ އެއްގޮތަށް ޓްރަމްޕްގެ ސަޕޯޓަރުންވެސް ގެންދަނީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހަދަމުންނެވެ.

ވޯޓުގައި މަކަރު ހަދާފައިވާ ކަމަށާއި، ސައްހަ ނޫން ވޯޓުވެސް ގުނާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ތުހުމަތުތައް ކުރެއްވި ނަމަވެސް، އެކަމަށް އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައިނުވާކަން ކޯޓުތަކަށް ވައްދަމުންދާ މައްސަލަތަކުން ދަނީ ހާމަވަމުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ވެރިރަށް ވޮޝިންޓަނާއި، އެހެން ސިޓީތަކުގެ މަގުތަކަށް ނުކުމެފައިވަނީ އިއްޔެއެވެ. "މިލިއަން މާޗް" ގެ ނަމުގައި ސަޕޯޓަރުން މަގުތަކަށް ނުތުމުން ޓްރަމްޕް އިއްޔެވަނީ މޮޓޮކޭޑުގައި އެމީހުންގެ ތެރޭގައި ބުރެއް ޖައްސަވާލައްވައި، މުޒާހަރާ "ކުރިއަށް ގެންދިއުމަށް" އިޝާރާތްކުރައްވައި އެތަނުން ވަޑައިގެންފައެވެ.

ނަމަވެސް، އެއްވުންތައް ނުތަވަނަސްވެ، ހަމަނުޖެހުން ހިންގަންފެށީ ރޭގަނޑުވެ އަނދިރިވުމާ އެކުގައެވެ.

ރޭގަނޑުވުމާއެކު ދެން ފެނިގެންދިޔައީ، އެއްޗެހިތައް ހަލާކުކޮށް، މުޒާހަރާކުރާ މީހުން ދުރަށް ދިއުމަށް ގޮވި މީހުންގެ ގައިގައި ތަޅައި އަނިޔާކުރަންފެށި ތަނެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ހަމަނުޖެހުން ހިންގި ބައެއްމީހުން ތިބީ ހަތިޔާރުވެސް ހިފައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހައްޔަރުކުރި ބައެއް މީހުންގެ އަތުން ގޮވާތަކެތިވެސް ފެނުނު ކަމަށް ބުނެފައި ވެއެވެ.

ހަމަނުޖެހުން ހުއްޓުވަން މަސައްކަތްކުރި ފުލުހުންގެ ދެމީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.