އެސްޑީއެފްސީން ދޫކުރަމުންދާ ލޯނުތަކަށް އޮންލައިން ޕޯޓަލްމެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ބުނީ މިއީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން، ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް، އެކޯޕަރޭޝަންގެ އޮންލައިން ޕޯރޓަލްމެދުވެރިކޮށް ހުށަހަޅާގޮތައް ބަދަލުކުރީ ކަމަށެވެ.

އެހެންކަމުން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އެސްޑީއެފްސީގެ ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯން އެޕްލިކޭޝަންތައް ބަލައިގަތުން ހުއްޓާލާފައިވާކަމަށެވެ.

އެސްޑީއެފްސީން ބުނީ އެކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި އީފާސް އެކައުންޓެއް ބޭނުންވާނެކަމަށެވެ.

އީފާސްއަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ. އީފާސް އެކައުންޓް ހުޅުވޭނީ އައިޑީކާޑުގެ ތަފްސީލު، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންކޮށްގެންނެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ކުރިއަށްދާގޮތުގެ ސްޓޭޓަސް ޗެކުކުރެއްވޭނެއެވެ.

އެސްޑީއެފްސީން ބުނީ މިގެނެވުނު ބަދަލާއިއެކު، އެކޯޕަރޭޝަނުން ދޫކުރަމުންދާ ލޯނުތަކަށް އެދިހުށަހެޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.