ޣައްޒާގެ އެކި ތަންތަނަށް އިސްރާއީލުގެ އުދުވާނީ ސިފައިން މިއަދު ބޮންއަޅައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮންއެޅީ، ޣައްޒާ ތެރެއިން އިސްރާއީލަށް ރޭ ދަންވަރު ދެ ރޮކެޓް ފޮނުވާލުމާ ގުޅިގެން ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

ރޮކެޓް ހަމަލާތަކުގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ވީކަމެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސިފައިން ހަމަލަދިނީ ހަމާސްގެ ބިމުއަޑީ ބިންގަރާސްތަކަށާއި، އަސްކަރީ ޕޯސްޓުތަކަށް ކަމަށެވެ. ހަމަލާދިނުމުގައި އަސްކަރީ މަތިންދާ ބޯޓުތަކާއި، ހެލިކޮޕްޓަރާއި ބޮޑުބަޑިވެސް ބޭނުންކުރި ކަމަށް ބުނެފައި ވެއެވެ.

ޣައްޒާގެ ސަލާމަތީ ފަރާތްތަކުން ބުނެފައިވަނީ، އިސްރާއީލުން ހަމަލާ ދީފައިވަނީ، ޚާން ޔޫނިސްއާއި، ރަފަހާއި، ބައިތު ހާނޫންގެ އެކި ތަންތަނަށް ކަމަށެވެ. އެކަމަކު، ބައިތު ލާހިއާއަށްވެް ހަމަލާތައް އަމާޒުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް، މިހަމަލާތަކުގައި އެއްވެސް މީހަކަށް ކަމެއްވީކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާ ތެރެއިން އިސްރާއީލުގެ ތެރެއަށް ހަމަލާތައް ދިނުމުގައި ޣައްޒާގެ އެކި ޖަމާއަތްތައް ހަރަކާތްތެރިވެއެވެ.

އެހެންނަމަވެސް، ރޭގައި ފޮނުވާލި ދެ ރޮކެޓުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާކަމަށް ވެއެވެ.

ކޮންމެ ޖަމާއަތަކުން ރޮކެޓް ހަމަލާއެއް ދިނަސް، އިސްރާއީލުގެ ރައްދު ހަމަލާތައް އަބަދުވެސް އަމާޒުވަނީ ހަމާސްގެ ތަންތަނަށެވެ. ސަބަބަކީ، އިސްރާއީލަށް ދޭ ހުރިހާ ހަމަލާތަކެއްގެ އަޑީގައި އޮންނަނީ ހަމާސްކަމަށް އިސްރާއީލުން ގަބޫލުކުރާތީއެވެ.