އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލިހަށް ހުށަހޅާފައިވާ ބަޖެޓުގައި ހުރި މަޝްރޫއުތައް އިގުތިސާދާ ނުބައްދަލު ކަމަށްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހުރީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. ގަވަރުނަރު ވިދާޅުވީ ކޮވިޑާ ގުޅިގެން އިގުތިސާދު ދަށްވެފައިވާއިރު އިގުތިސާދާ ނުބައްދަލު ބޮޑެތި މަޝްރޫއުތައް ބަޖެޓްގައި ޖެހުމުން ލަފާކުރާ މިންވަރަށް އާމްދަނީ ނުލިބިއްޖެނަމަ މަޝްރޫއުތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.

ގަވަރުނަރު ވަނީ ބަޖެޓުން ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން މަޑު ޖައްސާލުމަށް ލަފާދެއްވާފައެވެ. އެގޮތުން ބޭރުފައިސާ ލިބުން ދަތިވެފައިވާއިރު މަޝްރޫއުތަކަށް ބޭނުންވާ ބޭރުފައިސާ ޔަގީންކުރުމަށްފަހު ނޫނީ ނުފެށުމަށާ، ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑު ޖައްސާލުމަށް ގަވަރުނަރު ލަފާ ދެއްވިއެވެ. މީގެއިތުރުން މިފަދަ ހާލަތަކާ ކުރިމަތިލައިގެން އުޅޭއިރުވެސް، އަންނަ އަހަރަށް ރާވާފައިހުރި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދަރަންޏަށް ނަގަން ރާވާފައި ހުރުމާއެކު ގަވަރުނަރު ވަނީ ކޮންސެޝަނަލް ފައިނޭންސިންއަށް އިސްކަން ދިނުމަށް ލަފާދެއްވާފަ އެވެ.

"ރާއްޖޭގެ ބާޒާރުން ކެޕިޓަލް މަޝްރޫއުތަކަށް ޑޮލަރު ހޯދަން ޖެހިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ކުރާނެ ކަމަށް ބެލެވޭ. އެހެންކަމުން މަޝްރޫއުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓަށް ހީނަރުކަމެއް ނާންނާނެ ފަދަ ގޮތަކަށް މަޝްރޫއުތައް ކުރިއަށްގެންދަން ލަފާދެން" .
ގަވަރުނަރު އަލީ ހާޝިމް

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު ވަނީ 2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހާފައި އޮތް ބަޖެޓާ ގުޅޭ ކަރުދާހެއް ހުށަހަޅައިފަ އެވެ. އެ ކަރުދާހުގައި ބަޖެޓް ވަނީ ތިން ބަޔަކަށް ބަހާލައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ، އާމްދަނީ، ޚަރަދު އަދި ފައިނޭންސިންއެވެ. މި ކަރުދާހުގައި އެމްއެމްއޭގެ ލަފާ ހުށަހަޅާފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ކަންކަން ކުރިއެރުވޭނެ ގޮތަކަށް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ބަރޯސާ ވާއިރު، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ނުލިބުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލިހަށް ހުށަހަޅާފައިވާއިރު ބަޖެޓުގެ 24 އިންސައްތަ ޚަރަދުކުރުމަށް ނިންމާފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ.