ތުރުކީގެ އިސްތަމްބޫލްގައި ހުންނަ ވަރަށް ގަދީމީ މިސްކިތެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އަލިފާން ރޯވެފައިވަނީ، އިސްތަމްބޫލްގެ އޭޝިޔާ ފަޅިއަށް ވާގޮތަށް، ބޮސްޕޮރަސް ކަނޑުއޮޅިއަށް ވާގޮތަށް ހުންނަ "ވަނިކޯއި މިސްކިތް" މިނަންކިޔާ ކުޑަ މިސްކިތެކެވެ.

މުޅިންވެސް ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ މި މިސްކިތަކީ 17 ވަނަ ގަރުނުގައި، ތުރުކީގައި އޮތް އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު ބިނާކޮށްފައިވާ މިސްކިތެއް ކަމަށް ތުރުކީން ލިބެމުންދާ ހަބަރުތައް ބުނެއެވެ.

މިސްކިތުގައި އަލިފާން ރޯވެ އަނދަމުންދިޔަ މަންޒަރުތައް ފެންނަ ފޮޓޯތަކާއި، ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މިސްކިތުގައި އަލިފާން ރޯވިތާ މާ ގިނައިރެއް ނުވަނީސް، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިއްޖެ ކަމަށް އިސްތަމްބޫލްގެ ފަޔަރ ޑިޕާޓްމަންޓުން ޓްވީޓް ކޮށްފައި ވެއެވެ.

ފަހުން އާންމުވެފައިވާ ފޮޓޯތަކުން އެނގޭގޮތުގައި، އަލިފާނުގެ ސަބަބުން މިސްކިތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

އަލިފާން ނިއްވާ މީހުން ވަނީ، މިސްކިތާ ޖެހިގެން ބޮސްޕޮރަސް އައްސޭރި ފަށުގައި ހުރި ގެތަކާ ހަމައަށް އަލިފާންގަނޑު ދިއުމުގެ ކުރިން ކޮންޓްރޯލް ކޮށްފައެވެ.

މިސްކިތުގެ ބިއްދޮށަށް އޮންނަނީ ޖަންގަލިކަމުން، ޖަންގައްޔާ ހަމައަށް އަލިފާންގަނޑު ފެތުރިދާނެތީވެސް ކަމާބެހޭ ފަރާތްތަކުން ތިބީ ފިކުރު ބޮޑުވެފައެވެ. ނަމަވެސް، އޭގެކުރިން އަލިފާންގަނޑުވަނީ ކޮންޓްރޯލް ކޮށްފައެވެ.

އަލިފާން ރޯވި މިސްކިތަކީ އެންމެ މުންނާރެއްގެ މައްޗަށް އެކުލެވޭ މިސްކިތެކެވެ.

އެ މިސްކިތުގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެންކަމެއް ކަމާބެހޭ ފަރާތްތަކަށް އަދި ހޯދިފައެއް ނުވެއެވެ.

އިސްތަމްބޫލްގެ ގަވަރްނަރު ވިދާޅުވީ، އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ތަހްގީގު ފަށާފައިވާ ކަމަށެވެ.