ދުނިޔޭގެ އެކި ހިސާބުތަކުން ޑޮކްޓަރުންނާއި، މެޑިކަލް ސްޓާފުން ގެނެސްގެން، ވެރިރަށް ނިއުދިއްލީގައި ކޮވިޑަށް ޓެސްޓްކުރުން ދެގުނަ އިތުރުކުރުމަށާއި، ބައްޔާދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

މީގެއިތުރުން، ނިއުދިއްލީގެ ރައްޔިތުން މާސްކު އަޅާކަން ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށްވެސް އިންޑިއާގެ ހޯމް މިނިސްޓަރ އަމިތު ޝާހު އާދީއްތަ ދުވަހު ވިދާޅުވެފައި ވެއެވެ.

އިންޑިއާ ސަރުކާރުގެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނިއުދިއްލީގެ ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކޮށް، ސިއްހީ ޚިދުމަތް ދިނުމުގެ އެހެން ވަސީލަތްތައްވެސް އިތުރުކުރުމަށް ހޯމް މިނިސްޓަރ އަމިތު ޝާހު، ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

ކޮވިޑްބަލީގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވަމުންދާއިރު، ފާއިތުވެދިޔަ 8 ދުވަހުގެ ތެރޭގައި، ޖެހިޖެހިގެން ކޮންމެ ދުވަހަކު އިންޑިއާއިން ބައިލައްކައަށްވުރެ ގިނަމީހުން ބައްޔަށް ޕޮޒިޓިވްވަމުން ގޮސްފައި ވެއެވެ.

ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި، ވެރިރަށް ނިއުދިއްލީން އެކަނިވެސް ކޮންމެ ދުވަހަކު 7،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ރެކޯޑުތަކުން ދައްކައެވެ.

އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދާން އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނިއުދިއްލީން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.

ނިއުދިއްލީގައި، ކޮވިޑް ބަލިމީހުން ޓެސްޓްކުރުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތަށް ބޭރު ގައުމުތަކުން ޑޮކްޓަރުން ގެންނަން ސަރުކާރުން ނިންމިއިރު، ރިޓަޔާ ކޮށްފައިވާ ޑޮކްޓަރުންވެސް ޚިދުމަތަށް ނެރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

އަދި ނިއުދިއްލީގައި ކޮވިޑާ ދެކޮޅަށްކުރެވޭ މަސައްކަތްތަކުގެ ދަށުން ދޮރުން ދޮރަށް ހިނގައި ސާވޭ ކުރުމަށާއި، ބަލިމީހުން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ނިންމާފައިވާ ކަމަށްވެސް ހެލްތު މިނިސްޓަރ ހަރްޝް ވަރްދާން ވިދާޅުވިއެވެ.

ނިއުދިއްލީގެ އާބާދީގައި 20 މިލިއަން މީހުން ހިމެނޭއިރު، ނިއުދިއްލީގެ ވައި މިދުވަސްވަރު ވަރަށް ބޮޑަށް ނުސާފުވެ އިންސާނުން ނޭވާލުމަށް ވަރަށް ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްރުވުމުގެ ސަބަބުންވެސް، ކޮވިޑްބަލީގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައި ވެއެވެ.